ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށްފި
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން، މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، މާލޭގައި ގަވާއިދާ ޚިލާފަށް ހިންގަމުންދާ ޓޭކްއަވޭ ކެފޭތަކަށް އަމާޒުކޮށްގެން ހިންގި މި އޮޕަރޭޝަނުގައި ޖުމްލަ 6 ބިދޭސީއަކު ބަލައި ފާސްކޮށްފައިވެއެވެ. މީގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ އެކަކެވެ.
މިދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި އިމިގްރޭޝަނުން އަންނަނީ މާލެ ސަރަހައްދުގައި ވަރުގަދަ ރެއިޑް އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފައެވެ. އިމިގްރޭޝަނުން ބުނީ މިގޮތަށް އަތުލައިގަނެވޭ ބިދޭސީން ބަންދުކޮށް، އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މި މަސައްކަތަކީ، ރާއްޖޭގައި އެތައް އަހަރެއް ވަންދެން ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި އަމިއްލައަށް ވިޔަފާރިކުރަމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ގައުމީ ސަލާމަތާއި، އިގްތިސާދީ ރައްކާތެރިކަން ކަށަވަރުކުރުމެވެ.
ރިއެކްޝަންސް





