އއ. ފެރިދޫ ބަނދަރު މަޝްރޫޢުގެ 46 ޕަސެންޓް މަސައްކަތް ނިމިއްޖެ: އެމްޓީސީސީ
އއ. ފެރިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 46 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ ތެރެއިން މިހާރު އެ ރަށުގައި ކުރިއަށްދަނީ ބަނދަރުގެ ޕޭވްމަންޓް ހެދުމާއި ކޮންކްރީޓް މަސައްކަތްތަކެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ (ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާ) އިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ޖުމްލަ 50.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 16 ޖަނަވަރީ 2023 ގައެވެ. އަދި އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 15 އޮގަސްޓް 2023 ގައެވެ.
ފެރިދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން:
- ބަނދަރު ފުންކުރުމަށް 35،695 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ކޮނުން
- އެއްގަމުތޮށި ވަރުގަދަ ކުރުމަށް 213 މީޓަރުގެ ޕްރީކާސްޓް އެލް-ބްލޮކް ގާތޮށި ލުން
- ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށް 550 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ޖެހުން
- އުޅަނދުތައް ވަދެނިކުމެ ހެދުމުގެ ފަސޭހައަކަށް 80 މީޓަރުގެ ޖެޓީއަކާއި 12 މީޓަރުގެ ބްރިޖެއް އެޅުން
- ބަނދަރު ސަރަހައްދުގައި ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ރާއްޖޭގެ ރަށްރަށުގައި ލަފާފުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ގިނަ މަޝްރޫޢުތަކެއް ހިންގަމުން އަންނައިރު، ފެރިދޫ ބަނދަރުގެ މަސައްކަތް އެއްކޮށް ނިމުމުން އެ ރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، އޮޑިދޯނިފަހަރަށާއި ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
ރިއެކްޝަންސް





