
ޞިއްހީ ޚިދުމަތްދޭ ތަންތަން ޢިމާރާތްކުރަން އަނެއްކާވެސް ސަރުކާރުގެ ތިން ކުންފުންޏާ ހަވާލުކޮށްފި
ޞިއްހީ ޚިދުމަތްދޭ ތަންތަން ޢިމާރާތްކުރަން އަނެއްކާވެސް ސަރުކާރުގެ ތިން ކުންފުންޏާ ހަވާލުކޮށްފިއެވެ. ޞިއްޙީ ޚިދުމަތްދޭ ތަންތަން އިމާރާތްކުރަން ހެލްތް މިނިސްޓްރީން ހަވާލުކުރީ ފެނަކަ އާއި އެމްޓީސީސީގެ އިތުރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ.
ނުވަ ރަށެއްގެ މަސައްކަތް ފެނަކައާ ހަވާލުކުރިއެވެ. އޭގެތެރެއިން އާ އިމާރާތެއް އަޅަނީ ދެ ރަށެއްގައެވެ. އެއީ ހއ.މޮޅަދޫ އާއި ރ.މަޑުއްވަރީ އެވެ. އަނެއް އަށް ރަށުގައި އިމާރާތަށް ބައެއް އިތުރު ކުރަނީއެވެ. އެރަށް ތަކަކީ ހއ.މުރައިދޫ, ހއ.ތަކަންދޫ, ހދ.ނޭކުރެންދޫ, ރ.ކިނޮޅަސް, ރ.ފައިނު, ރ.ރަސްމާދޫ, އަދި ދ.ރިނބިދޫ އެވެ. ހުރިހާ ރަށެއްގައިވެސް ހުރީ ޞިއްޙީ މަރުކަޒެވެ. އެއްބަސްވުމުގައި ހެލްތް މިނިސްޓްރީން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޝަރީފް އެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު އާރިފްއެވެ.
އެމްޓީސީސީއާ ފަސް ރަށެއްގެ މަސައްކަތް ހަވާލުކުރިއެވެ. އޭގެތެރެއިން ދެރަށެއްގެ މަސައްކަތް ހަވާލުކުރީ އާ އިމާރާތް އެޅުމަށެވެ. އެ ދެރަށަކީ ހދ.ކުމުންދޫ އާއި އދ.އޮމަދޫ އެވެ. އަނެއް ތިން ރަށުގެ މަސައްކަތް ހަވާލުކުރީ ސިއްހީ މަރުކަޒަށް ބައެއް އިތުރުކުރުމަށެވެ. އެއީ ދ.ހުޅުދެއްޔާއި, ރ.އިންނަމާދޫ އާއި ހއ.އުލިގަމެވެ. އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހްމަދު ޤާސިމް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.
އާރުޑީސީއާ ހަވާލުކުރީ ހަތަރު ރަށެއްގެ މަސައްކަތެވެ. އޭގެތެރެއިން އާ އިމާރާތެއް އަޅަނީ ރ.މީދޫގައެވެ. ހދ.ފިއްލަދޫ އާއި މ.މުލަކާއި, ގއ.ދާންދޫގައި އިމާރާތަށް ބައެއް އިތުރު ކުރަނީއެވެ. މީގެތެރެއިން ދާންދޫގައި ހުންނަނީ ހޮސްޕިޓަލެކެވެ. އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހްމަދު ޤާސިމް އެވެ. ރޯޑް ޑިވެލޮޕްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު އަސްބާޙް އަލީ ނަޞީރު އެވެ.
ރިއެކްޝަންސް






