ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި ދެ މީހެއްގެ ޝަރީއަތް މާދަމާއަށް ތާވަލުކޮށްފި

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި ދެ މީހެއްގެ ޝަރީއަތް މާދަމާއަށް ތާވަލުކޮށްފި

1 hour ago - 18:38

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން 2021 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން ދެ މީހެއްގެ ޝަރީއަތުގެ އަޑުއެހުން މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.


މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ ނ. މަނަދޫ، ނޫރީގެ، ޢަލީ ހައިޝަމް އަދި ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ ޢަލީގެ ޝަރީއަތުގެ އަޑުއެހުމެވެ. މީގެ ތެރެއިން ފަހުމީގެ އަޑުއެހުން ހެނދުނު 9:00 އަށް ތާވަލުކޮށްފައިވާއިރު، ހައިޝަމްގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މެންދުރުފަހު 14:00 އަށެވެ.


މި މައްސަލައިގައި ހައިޝަމްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާގެ އިތުރުން ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުމަށް އެހީތެރިވެދިނުމުގެ ދައުވާއެވެ. އަދި ފަހުމީގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ.


ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދީފައިވަނީ 6 މެއި 2021 ވީ ދުވަހުގެ ރޭ، އެމަނިކުފާނު ދިރިއުޅުއްވި ގ. ކެނެރީގެ ކައިރީގައި އޮންނަ ނީލޯފަރުމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ބާރުގަދަ އައިއީޑީއެއް (ބޮމެއް) ހަރުކޮށްގެންނެވެ. ބެއަރިން ބޯލްސް އަޅައިގެން ތައްޔާރުކޮށްފައިވާ މި ބޮން، ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލީ އެމަނިކުފާނު ކާރުކޮޅަށް އަރައިވަޑައިގަންނަވަން ބޮމާ އެންމެ ކައިރިވި ވަގުތު ބަލައިފައެވެ.


މި ހަމަލާގެ ސަބަބުން ރައީސް ނަޝީދަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން އޭޑީކޭ ހޮސްޕިޓަލުގައި އަވަސް ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ޖަރުމަނާއި އިނގިރޭސިވިލާތަށް ވަޑައިގެންނެވިއެވެ. ސިފައިން ހާމަކޮށްފައިވާ ގޮތުގައި މިއީ 2007 ވަނަ އަހަރު ސަލްޓަންޕާކުގައި ގޮއްވާލި ބޮމަށްވުރެ އެތައް ގުނައެއް ބާރުގަދަ، އަދި ރާއްޖޭގައި މިހާތަނަށް ގޮއްވާލި އެންމެ ނުރައްކާތެރި އައިއީޑީއެވެ.


މި ނުރައްކާތެރި ހަމަލާގެ އަޑީގައި ތިބި މޭސްތިރިން އަދިވެސް ހޯދިފައި ނުވި ނަމަވެސް، މި މައްސަލައިގައި ޖުމްލަ 6 މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލައިފައެވެ. އެއީ:

  • މއ. ފޭރުގެ، މުޖާޒް އަޙްމަދު
  • ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަޙްމަދު
  • ނ. މަނަދޫ، ނޫރީގެ، ޢަލީ ހައިޝަމް
  • އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމް
  • ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ ޢަލީ
  • ހއ. މޮޅަދޫ، މ. ކުދެހިގެ، އިސްހާޤު

މި ހަމަލާއާ ގުޅިގެން މިހާތަނަށް ހުކުމްކޮށްފައިވަނީ ބޮން ގޮއްވާލި ކަމަށް އިއުތިރާފުވި ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށެވެ. މީގެ އިތުރުން ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، މި މައްސަލައިގައި ހައްޔަރުކުރި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow