
ކުރީގެ ރައީސް ނަޝީދާއި ފައްޔާޒު ބައްދަލުކުރައްވައިފި
ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއަރޕަސަން އަލްއުސްތާޛު ފައްޔާޒު އިސްމާއީލް މިއަދު ބައްދަލުކުރައްވައިފިއެވެ. ދެބޭފުޅުން ބައްދަލުކުރެއްވީ މާލޭގައެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ނަޝީދު މިވަގުތު ހުންނެވީ މާލޭގައެވެ.
ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅުން ހިމެނޭ ގޮތަށް ކުރީގެ ރައީސް ނަޝީދާ ބައްދަލުކުރެއްވިކަން ފައްޔާޒު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެކްސްގައި ފައްޔާޒު ވިދާޅުވީ ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން ދެއްވި މެންދުރުގެ ކެއުމަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
" ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރާން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކޮށްލެވިއްޖެ. ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން." ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވަނީ ރިޔާސީ ޓިކެޓް ހޯއްދެވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައެވެ. އަދި ގެންދަވަނީ މަސައްކަތްވެސް ކުރައްވަމުންނެވެ. އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްގައި ހުންނެވި ނަމަވެސް ނަޝީދުވެސް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އަދި އެމްޑީޕީއާއި ޑިމޮކްރެޓްސް އެކުގައި މަސައްކަތްކުރެއްވުމުގެ މުހިއްމުކަންވެސް ނަޝީދު ވަނީ ދާދިފަހުން ފާހަގަކުރައްވާފައެވެ.
ރިއެކްޝަންސް






