މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ފަސްޓް ލޭޑީ ސާޖިދާ ހުޅުވައިދެއްވައިފި
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މާފަންނު އުތުރު ދާއިރާއަށް ކަނޑައަޅާފައިވާ ކެމްޕެއިން ޖަގަހަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ރޭ ހުޅުވައިދެއްވައިފިއެވެ.
މި ޖަގަހަ ހުޅުއްވައިދެއްވީ އެކަމަށްޓަކައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ހަފްލާގައި މެޑަމް ސާޖިދާގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންނާއި، ކޮންގްރެސް ޕާޓީގެ އިސްވެރިންނާއި، އެ ދާއިރާގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެފައިވެއެވެ.
މާފަންނު އުތުރު ދާއިރާގެ ޖަގަހަ ހުޅުވުމާއެކު، އެ ދާއިރާގައި ކޮންގްރެސް ޕާޓީގެ ފަރާތުން ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތްތައް އިތުރަށް ވަރުގަދަވެގެންދާނެއެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ޕީއެންސީގެ ކެންޑިޑޭޓުން ދަނީ ވަރަށް ފޯރިއާއެކު ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބަކީ ސިޔާސީ ގޮތުން ވަރަށް ވާދަވެރި އިންތިޚާބަކަށް ވާނެ ކަމަށް ބެލެވޭއިރު، މި އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީވެސް ކޮންގްރެސް ޕާޓީންނެވެ. މިއީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ވަޒަންކޮށްލުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
ރިއެކްޝަންސް



