ވިއްކަން ބަހައްޓާ މުދަލުގައި އަގު ނުޖަހާ ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ: 17 ފިހާރައަކަށް ނޯޓިސް ދީފި
ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި ޤާނޫނާ އެއްގޮތަށް އަގު ނުޖަހާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ދީފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، ވިޔަފާރިތަކުން ކޮންސިއުމަރ ހިމާޔަތްކުރުމުގެ ޤާނޫނަށް ބޯއަޅާ މިންވަރު ދެނެގަތުމަށްޓަކައި މި އޮކްޓޫބަރު މަހުގެ 15 އިން 20 ގެ ނިޔަލަށް މާލޭގައި ޚާއްޞަ އިންސްޕެކްޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ބަލައިފާސްކުރުމުގެ ތެރޭގައި ޖުމްލަ 34 ފިހާރައެއް ޗެކްކޮށްފައިވާއިރު، ޤާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށް މުދަލުގައި އަގު ޖަހައިގެން ވިޔަފާރި ކުރަމުންދިޔައީ އޭގެ ދެބައިކުޅަ އެއްބައި، ނުވަތަ އެންމެ 17 ފިހާރައިގައެވެ. ބާކީ ތިބި 17 ފިހާރައިން ޤާނޫނާ ޚިލާފުވެފައިވާތީ، މުދަލުގައި އަގު ޖެހުމަށް އަންގައި މިހާރު ވަނީ ރަސްމީކޮށް ނޯޓިސް ދީފައެވެ.
މިކަމާ ގުޅިގެން މިނިސްޓްރީން މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ނެރުނު އިޢުލާނެއްގައި ބަޔާންކޮށްފައިވަނީ، ކޮންމެ ވިޔަފާރިއަކުން ވެސް ވިއްކަން ބަހައްޓާ މުދަލުގެ އަގު، ކަސްޓަމަރުންނަށް ސާފުކޮށް ފެންނާނޭހެން ހާމަކޮށްފައި ހުންނަންވާނެ ކަމަށެވެ. އެގޮތުން ވިއްކާ ކޮންމެ މުދަލެއްގައި ނުވަތަ އެ މުދަލެއް ބަހައްޓާފައި ހުންނަ ހަރުގަނޑުގައި، ވަކިވަކިން އަގު ސާފުވާނޭހެން ލިޔެފައި، ޕްރިންޓްކޮށްފައި ނުވަތަ ލޭބަލް ތަތްކޮށްފައި ބަހައްޓަން ޖެހޭނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، ކޮންސިއުމަރ ހިމާޔަތްކުރުމުގެ ޤާނޫނުގެ 66 ވަނަ މާއްދާއިން އެ މިނިސްޓްރީއަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން މިފަދަ އިންސްޕެކްޝަންތައް ސިލްސިލާކޮށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ޤަވާޢިދާ ޚިލާފަށް އަގު ނުޖަހައި މުދާ ވިއްކާ ވިޔަފާރިތަކާމެދު އެ ޤާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ޤާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް އަންގާފައިވެއެވެ.
އެހެންކަމުން، ޤާނޫނީ ފިޔަވަޅުތަކުން ރައްކާތެރިވެ، ކަސްޓަމަރުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން، ވިޔަފާރިތަކުން ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީ އެންމެ އަވަހަކަށް މުދަލުގައި އަގު ޖެހުމުގެ އިންތިޒާމު ހަމަޖެއްސުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ރިއެކްޝަންސް





