
ކުޅުންތެރިއަކު މަދުކޮށްކުޅެ ރެއާލްއިން މެޗުކާމިޔާބުކޮށް ރެކޯޑް ދަމަހައްޓައިފި
އެމްބާޕޭ ވަނީ ގޯލެއް ކާމިޔާބުކޮށް އެސިސްޓެއް ހަދާފައި
ސްޕެނިޝް ލަލީގާގައި މިރޭ ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗުގެ 32 ވަނަ މިނިޓްގައި ޑީން ހުއިސެން އަށް ދެއްކި ރަތްކާޑާއެކު ކުޅުންތެރިއަކު މަދުކޮށްކުޅެ ރެއާލްއިން މެޗު ކާމިޔާބުކޮށްފިއެވެ. 2-1 ން ރެއާލް މެޗުކާމިޔާބުކޮށް ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑް ވަނީ ދަމަހައްޓާފައެވެ.
މެޗުގެ 12 ވަނަ މިނިޓްގައި ރެއާލްގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކީލިއަން އެމްބާޕޭއެވެ. މިއީ މިސީޒަންގެ ލީގުގައި އެމްބާޕޭގެ ހަތަރުވަނަ ގޯލެވެ. ރެއާލްއަށް 44 ވަނަ މިނިޓްގައި ލީޑު ފުޅާކުރަން ފުރުޞަތު ތަނަވަސްކޮށްދިނީވެސް އޭނާއެވެ. ދެވަނަ ގޯލް ހާފަށް މެދުކަނޑާލުމުގެ ކުޑައިރުކޮޅެއް ކުރިން ކާމިޔާބުކޮށްދިނީ އަރްދާ ގުލާއެވެ.
މި މޮޅާއެކު ތާވަލްގެ އެއްވަނައިގައި 100 އިންސަންތަ ރެކޯޑާއެކު ރެއާލް އޮތީ 12 ޕޮއިންޓާއެކު އެއް ވަނައިގައެވެ. އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ 7 ޕޮއިންޓާއެކު މިވަގުތު އޮތީ ތާވަލްގެ ފަސް ވަނައިގައެވެ. ބާސެލޯނާއިން އާދިއްތަ ދުވަހު ނިކުންނާނީ ވެލެންސިއާ އާ ދެކޮޅަށެވެ.
ސޮސިއެޑާޑްގެ ގޯލަކީ 56 ވަނަ މިނިޓްގައި ޕެނަލްޓީއަކުން މިކޭލް އޮޔަތަބެލް ކާމިޔާބުކުރި ގޯލެކެވެ. ރެއާލްގެ ޑިފެންޑަރު ޑެނީ ކަވަހާލް އަތުގައި ބޯޅައިން ޖެހުމުން ލިބުނު ޕެނަލްޓީ އޮޔަތަބެލް ހަމަޖެހިލާފައި ފޮނުވާލިއިރު ކީޕަރު ތިބޯޓް ކޯޓުއާއަށް ޑައިވްކުރެވުނީ ނުބައި ފަޅިއަކަށެވެ.
ލީގުގައި މިއަދު ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު ސެވިއްޔާ އާއި އެލްޝޭ ބައްދަލުކުރި މެޗު ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ. ރެއާލް އޮވިއޭޑޯއަތުން 2-0 ން ގެޓާފޭ މޮޅުވިއިރު, އެތްލެޓިކޯ ބިލްބާއޯ ވަނީ 1-0 ން ޑިޕޯޓިވޯ އަލްވެސް އަތުން ބަލިވެފައެވެ.
ރިއެކްޝަންސް






