ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު ބިދޭސީއަކު މަރުވެއްޖެ
ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު އުމުރުން ހަގު ބިދޭސީއަކު މިއަދު ހެނދުނު ނިޔާވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވި ގޮތުގައި، ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 06:30 އެހައިކަންހާއިރުއެވެ. މި ރިޕޯޓު ލިބުމާއެކު، ވިލިމާލެ ޕޮލިސް އާއި މެރިން ޕޮލިސް ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ވަނީ ވަގުތުން ފަށާފައެވެ.
ފުލުހުން ކުރި މަސައްކަތުން އެ މީހާ ފެނިފައިވަނީ ހެނދުނު 06:55 އެހައިކަންހާއިރު މޫދު އަޑީގައި އޮއްވައެވެ. ފުލުހުންގެ އެހީތެރިކަމާއެކު އެ މީހާ ވަގުތުން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ނަމަވެސް، ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އެ މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލަށް ނިސްބަތްވާ ފިރިހެނެކެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރިއެކްޝަންސް





