މިދިޔަ އަހަރު ރާއްޖެއިން ބޭރުކުރި މަހުގެ އަދަދު %92 އިތުރުވެއްޖެ

މިދިޔަ އަހަރު ރާއްޖެއިން ބޭރުކުރި މަހުގެ އަދަދު %92 އިތުރުވެއްޖެ

1 hour ago - 12:47
Advertisement
Advertisement

މިދިޔަ 2025 ވަނަ އަހަރު ރާއްޖެއިން ބޭރުކުރި މަހުގެ މިންވަރު އޭގެ ކުރީ އަހަރާ އަޅާބަލާއިރު %92 އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ. އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.


އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން، ހުސްވި 2025 ވަނަ އަހަރު ރާއްޖެއިން ޖުމްލަ 36,538 މެޓްރިކް ޓަނުގެ މަސް ވަނީ ބޭރުކޮށްފައެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު %92 އިތުރު އަދަދެކެވެ. ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު މިހާ ބޮޑަށް އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި ގަނޑުކުރި ކަނޑުމަސް ބޭރުކުރި މިންވަރު އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން ގަނޑުކުރި ކަނޑުމަސް ބޭރުކުރި މިންވަރު ވަނީ %158 ނުވަތަ 35,181.5 މެޓްރިކް ޓަނަށް އިތުރުވެފައެވެ.


މީގެ އިތުރުން، މަހުގެ އެހެނިހެން ބާވަތްތައް ބޭރުކުރި މިންވަރަށް ބަލާއިރު، ގަނޑުކުރި ރީނދޫ އުރަހަ ކަންނެލި ބޭރުކުރި މިންވަރު %7 އިތުރުވެ، 553.7 މެޓްރިކް ޓަނަށް ވަނީ އަރާފައެވެ. އަދި ދަޅުގައި ނުވަތަ ޕައުޗްގައި ބަންދުކޮށްގެން މަސް ބޭރުކުރި މިންވަރު %9 އިތުރުވެފައިވާއިރު (510.8 މެޓްރިކް ޓަނު)، ހިއްކި މަސް ބޭރުކުރި މިންވަރު ވަނީ %32 އިތުރުވެފައެވެ. އެއީ 364.5 މެޓްރިކް ޓަނުގެ މަހެވެ.
މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުން މަސްވެރިންގެ އަތުން މަސް ގަނެފައިވާ މިންވަރަށް ބަލާއިރުވެސް، 2025 ވަނަ އަހަރު ވަނީ %66 ގެ ބޮޑު ކުރިއެރުމެއް ފެނިފައެވެ. މަސް ގަތް މިންވަރު މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކަނޑުމަސް ގަތް މިންވަރު %80 އިތުރުވެފައިވުމެވެ. މީގެ އިތުރުން ރީނދޫ އުރަހަ ކަންނެލި ގަތް މިންވަރުވެސް ވަނީ %20 އިތުރުވެ، 2000 ޓަނަށްވުރެ މަތިވެފައެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މައިގަނޑު އެއް އަމާޒަކީ ރާއްޖޭގެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް، އިޤްތިޞާދުގައި މި ސިނާޢަތުގެ ހިއްސާ ބޮޑުކުރުމެވެ. މިކަމަށްޓަކައި މަސް ޕްރޮސެސިން ކެޕޭސިޓީއާއި މަސް ރައްކާކުރާ މިންވަރު އިތުރުކުރުމުގެ މަސައްކަތްތައް ސަރުކާރުން ދަނީ ބާރުސްޕީޑުގައި ކުރަމުންނެވެ.


މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މަސް ޕްރޮސެސިން ކެޕޭސިޓީ 9 ގުނައަށް އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މިއީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށާއި، ރާއްޖެއިން ބޭރަށް ފޮނުވާ މަހުގެ ރިވެނިއު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement