
ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތުގެ ސަރަހައްދު ހަތަރު ލޭނަށް ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ
މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ހަތަރު ލޭނަށް ބަދަލުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާ އިރު، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަހުމަދު ސައުދީއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރެވޭނެކަމަށެވެ. މީގެ ތެރޭގައި މަގު ފުޅާކުރުމާއި، ކީވޯލް ބޭރަށް ޖެއްސުމާއި، ދުވާރު ހެދުމާއި، ފެން ހިންދާ ނިޒާމް ޤާއިމްކުރުން ހިމެނޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު އިތުރަށް ވިދާޅުވީ މިއީ މާލޭ ނޯތު ހާބަރާ ހަމައަށް ކުރިއަށްގެންދާ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ކަމަށާއި، އަދި މި މަސައްކަތް ކުރިއަށް ގެންދާނީ ކަމާބެހޭ ފަރާތްތަކާއެކު ރަނގަޅު ޕްލޭންތަކެއް ހަދާގެން ކަމަށެވެ.
އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވީ މި މަސައްކަތް ކަނޑައެޅިފައިވާ މުއްދަތަށްވުރެ ކުރިން ނިންމުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށްދާއިރު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫޢަކީ އިއްޒުއްދީން ފާލަށް ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި ގޮތަށް، ޢިއްޒުއްދީން ފާލަން ހިމެނޭ ސަރަޙައްދުގެ މަގު ފުޅާކޮށް، ކޮޅަކަށް ދެ ލޭނު ހިމެނޭހެން އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ބައެކެވެ. މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ.
މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ 455 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 144.5 މިލިއަން ރުފިޔާއަށެވެ.
ރިއެކްޝަންސް






