އދ. ގެ އާންމު މަޖިލީހުގެ އިންތިޚާބީ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

އދ. ގެ އާންމު މަޖިލީހުގެ އިންތިޚާބީ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

9 hours ago - 12:23
Advertisement
Advertisement

އެކުވެރި ދައުލަތްތަކުގެ (އދ.) އާންމު މަޖިލީހުގެ 81 ވަނަ ދައުރުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު، ހިޒް އެކްސެލެންސީ ޑރ. ޚަލީލުއްރަޙްމާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.


ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރަށް ތަހުނިޔާ ވިދާޅުވީ، މީސްމީޑިއާ މަންސަ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ މެސެޖުގައި، އދ. ގެ އާންމު މަޖިލީހުގެ އައު ރައީސަށް މި މުހިންމު މަސްޢޫލިއްޔަތު އަދާކުރެއްވުމުގައި ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.


ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ޑރ. ޚަލީލުއްރަޙްމާންގެ ޤާބިލު ރިޔާސަތުގެ ދަށުން، އާންމު މަޖިލީހަކީ ހުރިހާ މެންބަރު ޤައުމުތަކަށްވެސް މުހިންމު މަންސައެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތެވެ. އަދި މިއީ ބަންގްލަދޭޝްގެ ރައްޔިތުންނަށާއި މި ސަރަޙައްދަށްވެސް ލިބުނު ފަޚުރުވެރި ވަގުތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްވެސް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ. އިރުތިޝާމްގެ މެސެޖުގައި، ޑރ. ޚަލީލުއްރަޙްމާނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާއާއެކު، އެހެން ޤައުމުތަކާ ގުޅިގެން ކާމިޔާބު މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަގީންކަން އޮތްކަން ހާމަކުރެއްވިއެވެ.


މީގެ އިތުރުން، އދ. ގެ އާންމު މަޖިލީހުގެ އިޤްތިސާދީ އަދި މާލީ ކޮމިޓީގެ މުގައްރިރުގެ ނައިބުގެ މަގާމަށް ދިވެހިރާއްޖެ ވެސް މިހާރު ވަނީ އިންތިޚާބުވެފައެވެ. މި މަގާމަށް ރާއްޖެ އިންތިޚާބުވީ އާންމު މަޖިލީހުގެ އިއްތިފާޤުންނެވެ. މި މަގާމުގައި ރާއްޖެ ތަމްސީލު ކުރައްވާނީ އދ. އަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ ސެކަންޑް ސެކްރެޓަރީ، ޙުސައިން އަޛްހާން މުޙައްމަދު ޙުސައިން އެވެ.


އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން ކުރިއަށްދާނީ 2026 ސެޕްޓެމްބަރުން 2027 ސެޕްޓެމްބަރުގެ ނިޔަލަށެވެ. މި ދައުރުގައި ކޮމިޓީގެ މަސައްކަތްތައް ފުރިހަމައަށް ކުރިއަށް ގެންދިއުމަށްޓަކައި، ކޮމިޓީގެ މުޤައްރިރާއި ބިއުރޯގެ އެހެނިހެން މެންބަރުންނާ ގުޅިގެން ރާއްޖެއިން މުހިންމު ދައުރެއް އަދާކުރާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement