ފެނަކައިގެ ޚަރަދު ކުޑަކުުމަށް މުވައްޒަފުން ވަކި ކުރަނީ، އަމިއްލައަށް ވަކިވާ މީހުންނަށް 4 މަހުގެ މުސާރަ
ރާއްޖޭގެ ރަށްތަކަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ސަރުކާރުގެ މައި ޔޫޓިލިޓީ ކުންފުނި، ފެނަކަ ކޯޕަރޭޝަން މާލީގޮތުން ހަރުދަނާކޮށް، ހަރަދުތައް ކުޑަކުރުމުގެ ގޮތުން މުވައްޒަފުންގެ އަދަދު މަދުކުރުމުގެ ބޮޑު މަޝްރޫއެއް ރަސްމީކޮށް ފަށައިފިއެވެ.
ކުންފުނި އިސްލާހުކުރުމުގެ މި ފިޔަވަޅުގެ ދަށުން، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށާއި، "އާލީ ރިޓަޔާމެންޓް" ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.
ފެނަކައިގެ ޗީފް ކޯޕަރޭޓް އޮފިސަރު އުސައިދު ހުސައިން ސޮއިކުރައްވައި ނެރުއްވި އިންޓާނަލް މެމޯއެއްގައިވާ ގޮތުން، އަމިއްލައަށް އިސްނަގައިގެން ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް ހާއްސަ އިނާޔަތެއްގެ ގޮތުގައި ހަތަރު މަސްދުވަހުގެ މުސާރަ އެއްފަހަރާ ދިނުމަށް ވަނީ ނިންމާފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މާދަމާއިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު އަފީފް ވިދާޅުވި ގޮތުގައި، ފެނަކައިގެ ޕޭރޯލްގައި މިހާރު 8،000 އެއްހާ މުވައްޒަފުން އެބަތިއްބެވެ. މިއީ ކުންފުނީގެ އޮޕަރޭޝަންތަކާ ބަލާއިރު އާދަޔާހިލާފަށް ގިނަ އަދަދެއްކަން ފާހަގަކުރައްވައި، އަފީފް ވިދާޅުވީ މާޒީގައި ސިޔާސީ ބޭނުންތަކަށް އިންތިހާއަށް މީހުން ވައްދާފައިވުމުގެ ސަބަބުން ކުންފުނި ހިންގުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އަފީފް އިތުރަށް ހާމަކުރެއްވި ގޮތުގައި، ބައެއް ރަށްރަށުގެ ބްރާންޗްތަކުގައި އެއްވެސް މަސައްކަތެއް ނެތި، ހަމައެކަނި ހާޒިރީ މާކުކުރުމަށްފަހު އަމިއްލަ ކަންކަމުގައި އުޅޭ މުވައްޒަފުން ވެސް އެބަތިއްބެވެ. މިފަދަ ކަންކަމުގެ ސަބަބުން، އިހުލާސްތެރިކަމާއެކު މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި މާޔޫސްކަން އުފެދި، ވަޒީފާގެ ކުރިއެރުން ލިބުމުގައި ހަމަހަމަކަން ގެއްލިފައިވާކަމުގެ ޝަކުވާތައް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުންފުނީގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްޑީ ވިދާޅުވީ، ކޮންމެ މަހަކު މުސާރަ ދިނުމަށް ސަރުކާރުގެ އެހީއަށް ބަރޯސާވާންޖެހުމަކީ ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށެވެ. މުސާރައަށް ކުރާ ބޮޑު ހޭދައިގެ ސަބަބުން، އިންޖީނުތަކަށް ބޭނުންވާ ސްޕެއާޕާޓްސް އާއި ތެޔޮ ފަދަ ޒަރޫރީ ތަކެތި ހޯދުމަށް ދަތިތަކާ ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މާޒީގައި ނަޒާހަތްތެރިކަން ކުޑަ ގޮތްގޮތަށް، ބޮޑު އަގުގައި ތަކެތި ގަނެފައިވާކަން އޮޑިޓް ރިޕޯޓްތަކުން އެނގެން އޮތްކަން ވެސް އަފީފް ފާހަގަކުރެއްވިއެވެ.
ފެނަކައިން މިހާރު ދަނީ ކުންފުނީގެ އޮނިގަނޑު މުރާޖާކޮށް، ހިއުމަން ރިސޯސް އެސެސްމަންޓެއް ހަދަމުންނެވެ. އެމްޑީ އަފީފް ވިދާޅުވީ، އޭނާގެ ދިގު ތަޖުރިބާގެ އަލީގައި ފެނަކައަކީ ސަރުކާރަށް ބަރޯސާނުވެ، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، ރައްޔިތުން އިތުބާރުކުރާ ހަރުދަނާ ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރިއެކްޝަންސް





