މައްޗަންގޮޅީ އުތުރު ދާއިރާގެ ޕީއެންސީ ކެމްޕޭން ޖަގަހަ ހުޅުވައިފި
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މައްޗަންގޮޅީ އުތުރު ދާއިރާގެ ކެމްޕޭން ޖަގަހަ ރޭ ރަސްމީކޮށް ހުޅުވައިފިއެވެ.
މި ކެމްޕެއިން ޖަގަހަ ރަސްމީކޮށް ހުޅުއްވައިދެއްވީ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދެވެ.
ޖަގަހަ ހުޅުއްވައިދެއްވުމުގެ މި ޙަފްލާގައި، ފަސްޓް ލޭޑީގެ އަރިހުގައި ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި މިފަހަރުގެ އިންތިޚާބުގައި އެ ޕާޓީގެ ކެމްޕޭން މެނޭޖަރުގެ މަޤާމު ފުރުއްވާ އިބްރާހީމް ފަލާޙް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ޕާޓީގެ އިސް ލީޑަރޝިޕްގެ ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމު މެންބަރުން މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
މި ރަސްމިއްޔާތުގައި ކޮންގްރެސް ޕާޓީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލް އާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ރައީސާ ކަމަށް ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ހުޅުމާލެ މެދު ދާއިރާގެ ކެންޑިޑޭޓުންނާއި ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެ، ކެމްޕޭންގެ މަސައްކަތްތަކަށް ހިތްވަރު ދީފައެވެ.
މި ޖަގަހަ ހުޅުވުމާއެކު، މައްޗަންގޮޅީ އުތުރު ދާއިރާގައި ކޮންގްރެސް ޕާޓީގެ ކެމްޕޭން ހަރަކާތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އެ ޕާޓީން ބުނެއެވެ.
ރިއެކްޝަންސް



