ރިކޯލް ވޯޓުގެ ބިލު މި ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވަނީ
ހިނގަމުންދާ މަޖިލީހުގެ ދައުރުގެ ތެރޭގައި ރިކޯލް ވޯޓުގެ ބިލު ހުށަހަޅުއްވަން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ޑިމޮކްރެޓިކް ހަމަތަކަށް ބަލާއިރު ރައްޔިތުންގެ ބާރުވެރިކަން އެންމެ ބޮޑުވާ ގޮތަކަށް ވާނީ ރައްޔިތުންގެ މަޖިލީހަށާއި ކައުންސިލްތަކަށް ހޮވޭ މެންބަރުން، ދައުރުގެ ތެރޭގައި ވަކިކުރެވޭނެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދިއުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރިކޯލް ވޯޓަކީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ތަންފީޒުކުރަމުންދާ ނިޒާމެއް ކަމަށާއި، ރާއްޖޭގައި އެކަން ފަހިކުރުމުގެ ގޮތުން ފަންނީ މަޝްވަރާތައް ކުރިއަށްދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މިގޮތުން ރާއްޖޭގެ ޙާލަތައް ރިޢާޔަތްކޮށް އަދި ދުނިޔޭގައި މިކަން ކާމިޔާބުކަމާއެކީ ތަންފީޒުކޮށްފައިހުރި ޤައުމުތަކުގައި ކަންކުރާ ގޮތް ބައްލަވައި، އެ ބިލު މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާބެހޭގޮތުން ރައްޔިތުން ނިންމަވާގޮތަކާއި ޕްރިފަރެންޝަލް ވޯޓިންގ ސިސްޓަމު ތަޢާރަފުކުރުމާ ވަރަށް ބޮޑަށް ގުޅޭނެކަމުގައި ވިދާޅުވިއެވެ. އިންތިޚާބުތަކަށް ބަދަލެއް އަންނަ ޙާލަތެއްގައި، އެކަމަކީ ކުރިމަގުގައި ވެރިކަމުގެ ނިޒާމަށް އަންނަ ހީނަރުކަމަކަށް ވާން ބޭނުންފުޅުނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އިންތިޚާބީ ދެ ބުރުގެ ބަދަލުގައި އެއް ބުރުން ރައީސަކު ހޮވިގެންދާއިރު، އެކަން ދާންޖެހޭނީ އެއާމެދު އެއްވެސް ސުވާލެއް ނުއުފެދޭނޭ ގޮތަށް، ދެފުށްފެންނަ ނިޒާމަކުން ކަމަށާއި، އެފަދަ ނިޒާމެއް ޤާއިމުކުރެވޭނީ، ރައްޔިތުންގެ މެދުގައި އިތުރަށް މަޝްވަރާކުރެވިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންތިޚާބީ މަޤާމުތަކަށް، ތަޢުލީމާއި ތަޖުރިބާހުރި މީހުންނަށް އިސްކަންދިނުމަށާއި ހުރިހާ ގޮތަކުން އެންމެ ޤާބިލު މީހުން ހޮވިގެންއައިސް އެމީހުންނަށް ފުރުސަތު ލިބުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ކަމުގައި ވިދާޅުވިއެވެ. އަދި އަންހެނުންނާއި ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، ގޮތް ނިންމުމުގައި ޝާމިލުކުރުމާމެދު ރައްޔިތުންގެ މެދުގައި މަޝްވަރާ ކުރުމަށް އެމަނިކުފާނު ހިތްވަރުދެއްވިއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް ހޮވޭ މެންބަރުންގެ ތެރެއިން ވަކި އިންސައްތައެއް އަންހެނުންނާއި، ޒުވާނުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަޖެއްސުން ފަދަ މަޝްވަރާއެއް ރައްޔިތުންގެ ފަރާތުން ކުރެވިގެން އައުމަކީ އެދިވަޑައިގަންނަވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ދަތުރުފުޅެއް ކުރައްވަން ޖެހިވަޑައިގަތުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު، ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް، އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާނޭކަމަށް ވިދާޅުވެފައެވެ. މިއީ، މިގޮތުން ބޭއްވެވި ތިންވަނަ ބައްދަލުކުރެއްވުމެވެ.
ރިއެކްޝަންސް



