އެންސްޕާގެ ސީއީއޯގެ މަގާމަށް ޝިރުނާ އައްޔަންކޮށްފި

އެންސްޕާގެ ސީއީއޯގެ މަގާމަށް ޝިރުނާ އައްޔަންކޮށްފި

58 minutes ago - 16:30

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ އެންމެ އިސްވެރިޔާ ނުވަތަ ސީއީއޯގެ މަގާމަށް، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އާމިނަތު ޝިރުނާ މިއަދު އައްޔަނުކުރައްވައިފިއެވެ.


މި ބަދަލާ ގުޅިގެން ހެލްތު މިނިސްޓްރީން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ޝިރުނާއަށް މަރުހަބާ ކިޔައި، އޭނާގެ އާ ޒިންމާގައި ކާމިޔާބީއަށް އެދިފައެވެ.


އެންސްޕާގެ ސީއީއޯގެ މަގާމު ހުސްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން، ކުރިން އެ މަގާމުގައި ހުންނެވި ހީނާ ވަލީދު މިނިސްޓަރ އޮފް އެޕްލައިޑް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ މަގާމަށް އައްޔަނުކުރެއްވުމާ ގުޅިގެންނެވެ. ހީނާ ވަލީދު މިނިސްޓަރުކަމަށް އައްޔަނުކުރެއްވި ދުވަހުން ފެށިގެން އެންސްޕާގެ ހިންގުން ވަގުތީ ގޮތުން އޮތީ ސީއީއޯއެއް ނެތިއެވެ.


މަގާމަށް އަލަށް އައްޔަނުކުރެވުނު އާމިނަތު ޝިރުނާއަކީ ސިއްހީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމުގެ ކުރިން އޭނާ ވަނީ ނަރުހެއްގެ ގޮތުގައި 23 އަހަރު ދުވަހު މަސައްކަތް ކުރައްވާފައެވެ. އޭގެ ތެރޭގައި އައިޖީއެމްއެޗްގެ ނާސިންގ ޑިޕާޓްމަންޓުގެ އިސް މަގާމުތަކެއް ފުރުއްވުން ހިމެނެއެވެ.


މި ސަރުކާރު އައިފަހުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެން، ޝިރުނާ ވަނީ މޯލްޑިވިއަން ބްލަޑް ސާވިސަސް (ތެލެސީމިއާ ސެންޓަރު) އާއި ދަމަނަވެށި އަދި އެޗްޕީއޭގެ ކަންކަން ބެލެހެއްޓެވުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. އެންސްޕާގެ ސީއީއޯގެ މަގާމަށް އޭނާ އައްޔަނުކުރެވުނީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow