ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތާއެކު ރީ-އެކްސްޕޯޓުން ލިބުނު އާމްދަނީ %6.8 އިތުރުވެއްޖެ
ދިވެހިރާއްޖޭގައި ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ތަޢާރަފްކޮށް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު އިޤްތިޞާދީ ސިޔާސަތުގެ ދަށުން، މިއަހަރުގެ މިހާތަނަށް ރީ-އެކްސްޕޯޓްކޮށްގެން ދައުލަތަށް ލިބުނު އާމްދަނީ ބޮޑުތަނުން އިތުރުވެފައިވާކަން ހާމަވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެންމެ ފަހުގެ މަހު ރިޕޯޓުން ދައްކާގޮތުގައި، ރީ-އެކްސްޕޯޓްކޮށްގެން މިއަހަރުގެ މިހާތަނަށް 319 މިލިއަން އެމެރިކާ ޑޮލަރު ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 299 މިލިއަން ޑޮލަރާ އަޅާބަލާއިރު 6.8 އިންސައްތައިގެ ކުރިއެރުމެކެވެ.
ރީ-އެކްސްޕޯޓަކީ އެހެން ޤައުމަކުން ރާއްޖެއަށް އެތެރެކުރާ މުދާ، ރާއްޖެ މެދުވެރިކޮށް ތިންވަނަ ޤައުމަކަށް ފޮނުވުމުގެ ވިޔަފާރިއެވެ. މި ދާއިރާއިން ލިބޭ އާމްދަނީއަށް އައި މި ބޮޑު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދު ސިންދަފާތުކޮށް، ފަތުރުވެރިކަމުގެ އިތުރުން ރާއްޖެއަށް ބޭރު ފައިސާ ވަންނާނެ އާ ދޮރުތައް ހުޅުވުމަށް ފެށި ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތެވެ.
މި އަހަރުގެ މޭމަހުގެ ތެރޭގައި ފެށި މި ޚިދުމަތަކީ ކަނޑުމަގުން ރާއްޖެ ގެންނަ މުދާ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ޤައުމުތަކަށް އަވަހަށް ފޮނުވައިދޭ ނިޒާމެކެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި، މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގުޅިގެން ފެށި މި ޚިދުމަތުގައި މިހާރުވެސް ބައިނަލްއަޤްވާމީ 17 އަށްވުރެ ގިނަ އެއާލައިން ދަނީ ބައިވެރިވަމުންނެވެ. އެގޮތުން، މިދިޔަ ޖުލައި މަހު އެކަނިވެސް މި ނިޒާމުގެ ދަށުން 633 ޓަނުގެ މުދާ ރާއްޖެއިން ބޭރުގެ މާކެޓްތަކަށް ވަނީ ފޮނުވާފައެވެ.
މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ އަވައްޓެރި ޤައުމުތަކުން ޔޫރަޕާއި އެމެރިކާގެ ބާޒާރުތަކަށް ފޮނުވާ އުފެއްދުންތައް ރާއްޖެ މަގުން ޓްރާންސިޓްކޮށް، އަވަސް މުއްދަތެއްގައި އެ މަންޒިލްތަކަށް ފޯރުކޮށްދިނުމެވެ. ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކެއް ދަތުރުކުރާ މައި ހަބަކަށް ވުމާއެކު، ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ފުރުޞަތު ބޮޑުކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
ރިއެކްޝަންސް





