
ސައުދީ ފަންޑުން އެއަޕޯރޓް ތަރައްޤީއަށް އިތުރު 17 މިލިއަން ޑޮލަރުގެ ލޯނު ދެނީ
ސައުދީ ފަންޑުން އެއަޕޯރޓް ތަރައްޤީއަށް އިތުރު 17 މިލިއަން ޑޮލަރު ލޯނު ދީފިއެވެ. އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިއީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްޕްރޮޖެކްޓްގެ ޓާމިނަލް ނިންމަން ސައުދީ ފަންޑުން ދޭ ލޯނެވެ. ލޯނު އެއްބަސްވުމުގައި ދިވެހި ސަރުކާރުގެފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، މޫސާ ޒަމީރެވެ. އަދި، ސަޢޫދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ނިޝާންމުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލްމުރްޝިދެވެ. ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
އެއްބަސްވުމުގެ ދަށުން ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން ދެނީ 63،750،000.00 ސައުދީ ރިޔާލް (17 މިލިއަން ޑޮލަރު) އެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް ހަމަޖެހިގެން ދިޔަ އިތުރު މާލީއެހީގެ ސަބަބުން މި މަޝްރޫޢުގެ މަސައްކަތް އަވަހަށް ނިންމުމަށް އިތުރުބާރަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވިއެވެ. އަދި މި މަޝްރޫޢު ނިމުމާއިއެކު، ރާއްޖެއަށް އިޤްތިޞާދީ ގޮތުން ގިނަގުނަ ފައިދާތަކެއް ވެސް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.
އެގޮތުން ފަތުރުވެރިންނަށާއި އިތުރު އެއާލައިންތަކަށް ޖާގަ ލިބި، ފަތުރުވެރިކަމާއި، ވިޔަފާރި އަދި ދަތުރުފަތުރުފަދަ އިޤުތިޞާދީ ތަރައްޤީއާއި ގުޅުންހުރި ސިނާއަތްތަކަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ޤައުމީ އުފެއްދުންތެރި ކަމުގައި އެންމެ އިސްދައުރެއް އަދާކުރާ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަންވެސް ފާހަގަކުރެއްވިއެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ކަނޑައެޅި ތާރީޚަށް މަޝްރޫއު ނުނިމުނަސް, އެމަޝްރޫއަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އަދި ހަމަޖެހުނު ލޯނު އެހީގެ ސަބަބުން އަވަހަށް މަޝްރޫޢު ނިމިގެންދާނެކަމަށެވެ.
ސައުދީ ފަންޑުން ވަނީ ތިންފަހަރެއްގެ މަތީން އެއަޕޯރޓް މަޝްރޫއަށް 217 މިލިއަން ޑޮރަލު ދީފައެވެ.
ރިއެކްޝަންސް






