އިގްތިޞާދީ އިސްލާހީ ފިޔަވަޅުތަކަށް އެއްބާރުލުން ދޭނަން. ނަގާނީ މުސާރައިގެ ދެބައިކުޅަ އެއްބައި: މަޖިލީސް ރައީސް
ދިވެހި ދައުލަތުގެ އިގްތިޞާދީ ޙާލަތު ރަނގަޅު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެޅުއްވުމަށް ނިންމަވާފައިވަނީ ހަރުދަނާ ފިޔަވަޅުތަކެއް
އިގްތިޞާދީ ޙާލަތު ރަނގަޅު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެޅުއްވުމަށް ނިންމަވާފައިވާ ފިޔަވަޅުތަކަށް އެއްބާލުން ދެއްވުމުގެ ގޮތުން މުސާރައިގެ ދެބައިކުޅަ އެއްބައި ނުނަންގަވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ނިންމަވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ޕާޓީގެ ޗެއާޕާސަންގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ ދިވެހި ދައުލަތުގެ އިގްތިޞާދީ ޙާލަތު ރަނގަޅު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެޅުއްވުމަށް ނިންމަވާފައިވަނީ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށެވެ.
"ދިވެހި ދައުލަތުގެ އިގްޞާދީ ޙާލަތު ރަނގަޅު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެތެރޭގައި ހިމެނޭ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން %10 ކުޑަ ކުރެއްވުމަށް ނިންމެވި ނިއްމެވުމަށް އެއްބާރުލުން ދިނުމުގެގޮތުން އަޅުގަނޑުގެ މުސާރައިން %50 ނުނަގާގޮތަށް ނިންމައިފިން." ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިގްތިޞާދީ އިސްލާހީ އެޖެންޑާގެ ދަށުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކަށް ސިޔާސީ އެކިފަރާތްތަކުން އަންނަނީ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދަންނަވަމުންނެވެ.
އެމަނިކުފާނު ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު އިގްތިޞާދީ ގޮތުން ދިމާވެފައިވާ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ޚަރަދު ކުޑަކުރުމަށް ސަރުކާރުން އަޅުއްވަން ނިންމަވާފައިވާ ގިނަ ފިޔަވަޅުތަކެއް ހާމަކުރައްވާފައެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންގެ މުސާރައިން 10 އިންސައްތަ ކުޑަކުރުމަށް ނިންމަވާފައެވެ.
އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންވެސް ހިމެނެއެވެ.
" 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވާނީ ނިންމާފައި. މިގޮތުން މުސާރައާއި ގުޅޭ ގޮތުން ތިރީގައިވާ ފިޔަވަޅުތައް 2 އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށްވާނީ ނިންމާފައި" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އިގްތީސާދީ އިސްލާހީ އެޖެންޑާގެ ދަށުން ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ އެންމެ ބޮޑު މުސާރާއެއްގެ ގޮތުގައި ދެވޭނީ 90000 ރުފިޔާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިގްތިޞާސީ އިސްލާހީ އެޖެންޑާގެ ދަށުން މުސާރަ ކުޑަކުރުމަށް ނިންމާފައިވަނީ ދެއަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި މި ފިޔަވަޅުތަކުގެ ތެރޭގައި 12000 ރުފިޔާއިން ދަށުގެ މުސާރަ ލިބޭ ފަރާތްތައް ނުހިމެނޭނެ ކަމަށެވެ.
ރިއެކްޝަންސް