ސިއްހީ ދާއިރާގެ 26 މަޝްރޫއެއް ނިންމައި، އިތުރު 17 މަޝްރޫއެއް ފަށަނީ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ހިންގާ ބިޔަ މަޝްރޫއުތަކުގެ ތެރެއިން 26 މަޝްރޫއެއްގެ މަސައްކަތް އެއްކޮށް ނިންމާލައި، އަލަށް އިތުރު 17 މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީއަށް 200 އަށް ވުރެ ގިނަ މަޝްރޫއު މިހާރު ވެސް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށެވެ. އަދި އޭގެ ތެރެއިން 150 އަށް ވުރެ ގިނަ މަސައްކަތަކީ މި ސަރުކާރުން އަލަށް ފެށި މަޝްރޫއުތައް ކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ދާއިރާގެ އުމްރާނީ ތަރައްގީއަށް ދައުލަތުގެ ބަޖެޓުން 5.98 ބިލިއަން ރުފިޔާގެ ބޮޑު އިންވެސްޓްމަންޓެއް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން މިހާރު ކުރިއަށްދާ އަދި ފަށަން ތައްޔާރުވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:
- އަލަށް އިމާރާތްކުރާ 30 ހޮސްޕިޓަލް
- އަލަށް ގާއިމުކުރާ 24 ސިއްހީ މަރުކަޒު
- 4 ޓާޝަރީ ހޮސްޕިޓަލް
- ހިދުމަތުގެ ފެންވަރު މަތިކުރުމުގެ (އަޕްގްރޭޑިން) 90 މަޝްރޫއު
މިއީ ރާއްޖޭގެ ތާރީހުގައި ވެސް ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީއަށް އެއް ސަރުކާރަކުން މިހާތަނަށް ހިންގާ އެންމެ ފުޅާ އަދި އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ޑަކްޓަރަށް ދެއްކުމަށާއި ބޮޑެތި ފަރުވާތަކަށް މާލެއަށް ބަރޯސާވާން ޖެހޭ މިންވަރު ވީހާވެސް ބޮޑަށް ކުޑަކުރުމެވެ. އެގޮތުން މީގެ ކުރިން މާލެއިން އެކަނި ލިބެމުން އައި ސީޓީ ސްކޭން، އެމްއާރުއައި އަދި ޑަޔަލިސިސްގެ ހިދުމަތްތައް މިހާރު އަތޮޅުތަކުގެ ހޮސްޕިޓަލުތަކުން ފުޅާ ދާއިރާއެއްގައި ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. މީގެ އިތުރުން މާލޭގެ 'އޮރެންޖް ހިޔާ' ގައި ހިންގާ މަރުކަޒުގެ ޖާގަ 9 އެނދުން 30 އެނދަށް ވަނީ ބޮޑުކޮށްފަ އެވެ.
ހަމައެއާއެކު، ރައްކާތެރިކަމާއެކު ވެކްސިން ރައްކާކުރާނެ ހާއްސަ ގުދަނެއް ހުޅުމާލޭގައި އެޅުމުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗާއި ބޭސް އަދި އެކްސްޕޯޓްކުރާ މަހުގެ ބާވަތްތައް ފެންވަރު ބެލުމަށް "ނެޝަނަލް ހެލްތު ލެބޯޓްރީ" އެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާ ކަމަށް ވަޒީރު ގީލާ ވަނީ ވިދާޅުވެފަ އެވެ.
ރިއެކްޝަންސް





