ކަނޑަށް ގެއްލުނު ސިފައިންގެ އޮފިސަރުގެ މައްޗަށް ކަށުނަމާދުކުރުން އަންނަ ހުކުރު ދުވަހު
ހުވަދޫ ކަނޑަށް އަޑިއަށްދިޔަ ސަޕްލައި ދޯންޏެއް ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ގެއްލުނު ސިފައިންގެ އޮފިސަރު، ގދ. ތިނަދޫ، އިބްރާހިމް އަޙްމަދު (ޖެލީ އިއްބެ) ގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރުން އަންނަ ހުކުރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އިބްރާހިމް އަޙްމަދުގެ ޢާއިލާއިން ހާމަކޮށްފައިވާ ގޮތުގައި، އޭނާގެ މައްޗަށް ކުރެވޭ ޣައިބު ކަށުނަމާދު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު، މާލޭގެ މަސްޖިދުލް މަލިކު ސަލްމާން (ސަލްމާން މިސްކިތް) ގައެވެ.
އިބްރާހިމް އަޙްމަދު ގެއްލިފައިވަނީ މި އަހަރުގެ އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ހުވަދޫ ކަނޑަށް ބަންޑުން ޖަހާލި ސަޕްލައި ދޯންޏާއި އޭގައި ހުރި މުދާތައް ސަލާމަތްކުރުމަށް ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގެ ތެރޭގައެވެ. މި ހިތާމަވެރި ހާދިސާގައި އޭނާގެ އިތުރުން ފުލުހުންގެ އޮފިސަރަކުވެސް ވަނީ ގެއްލިފައެވެ.
މީގެއިތުރުން، އިބްރާހިމް އަޙްމަދުގެ ހެޔޮ ހަނދާނުގައި، އޭނާއަށް ޘަވާބާއި ދަރުމަ އެދިގެން މިސްކިތެއް ބިނާކުރުމުގެ މަޝްރޫޢެއްވެސް މިހާރު ވަނީ ފަށާފައެވެ. ބަންގްލަދޭޝްގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ އެއްފަހަރާ 120 މީހުންނަށް ނަމާދުކުރެވޭ ޖާގައިގެ މިސްކިތެކެވެ.
މި މަޝްރޫޢަށް ގާތްގަނޑަކަށް 300،000 (ތިންލައްކަ) ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު، މި މަސައްކަތަށް އެހީތެރިވުމުގެ ފުރުޞަތު މިހާރު ވަނީ ޢާންމުކޮށް ހުޅުވާލާފައެވެ.
ރިއެކްޝަންސް





