އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވައި އިންސާފު ހޯދައިދިނުމުގައި ސަރުކާރު އޮތީ ސާބިތުކަމާއެކު: ރައީސް

އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވައި އިންސާފު ހޯދައިދިނުމުގައި ސަރުކާރު އޮތީ ސާބިތުކަމާއެކު: ރައީސް

43 minutes ago - 10:31

އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް ހުއްޓުވައި، އެ ފަރާތްތަކަށް އިންސާފާއި ފުރިހަމަ ހިމާޔަތް ހޯދައިދިނުމުގައި ސަރުކާރު އަބަދުވެސް ދެމިއޮންނާނީ ސާބިތުކަމާއެކު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އަންހެނުންނަށް ކުރާ އަނިޔާތައް ނައްތާލުމުގެ ބައިނަލްއަގުވާމީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށާއި، ކުށްވެރިން ގާނޫނުގެ ކުރިމައްޗަށް ގެނެސް ޖަވާބުދާރީކުރުވުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.

އެގޮތުން އަނިޔާގެ މައްސަލަތައް ފަސޭހައިން ރިޕޯޓްކުރެވޭނެ އިތުބާރުހުރި ނިޒާމެއް ގާއިމުކުރުމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ހާއްސަ ރައްކާތެރި މަރުކަޒުތައް އިތުރުކުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން، އަނިޔާ ލިބޭ ކޮންމެ މީހެއްގެ ކަރާމާތް ރައްކާތެރިކޮށް، އަވަސް އިންސާފު ކަށަވަރުކުރުމަށްޓަކައި ތަންފީޒީ އިދާރާތަކާއި ޝަރުއީ ދާއިރާގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާ ކަން ފާހަގަކުރެއްވި އެވެ.

ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވީ، އަނިޔާ ހުއްޓުވުމުގެ އިތުރުން، އަންހެނުންގެ ކުރިއެރުމަށް އެޅިފައިވާ ހުރަސްތައް ނައްތާލައި، އެކަނބަލުން ފުރިހަމަ މާނައިގައި ބާރުވެރިކުރުވުމަކީ ވެސް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ، އެއްވެސް ބިރުވެރިކަމެއް ނެތި އަންހެނުންނަށް އަމާންކަމާއެކު ދިރިއުޅެވޭނެ މުޖުތަމައެއް ބިނާކުރުމަށްޓަކައި އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވައިފަ އެވެ.

ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު 25 ވަނަ ދުވަސް ފާހަގަކުރަނީ އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާތައް ނައްތާލުމުގެ ބައިނަލްއަގުވާމީ ދުވަހުގެ ގޮތުގަ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow