
ޑީއެސްއެސްއެސް އިން ކުދި ޖަޒީރާ ޤައުމުތަކަށް އައު އުއްމީދެއް ލިބިގެންދާނެ: ރައީސް މުއިއްޒު
ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް (ޑީއެސްއެސްއެސް)ގެ ޢަމަލީ މަސައްކަތް ފެށުމުން، ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ޙައްލު ލިބި، ދެމެހެއްޓެނިވި ތަރައްޤީގެ އައު ޞަފްޙާއެއް ހުޅުވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް، ނުވަތަ ސިޑްސްގެ މަސައްކަތްތައް ވިލަރެސްކުރުމަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ގްރޫޕް (އެސްއޭޖީ)ގެ ބައްދަލުވުމެއްގައި ކޯ-ޗެއާގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވީ ސިޑްސްގައި ހިމެނޭ ގިނަ ޤައުމުތަކަކީ މާލީގޮތުން ބޮޑެތި ގޮންޖެހުންތަކާއި މޫސުމީ ބަދަލުތަކުގެ ނުރައްކާ ކުރިމަތިވެފައިވާ ޤައުމުތަކެއްކަމަށެވެ. އެހެންކަމުން ދެމެހެއްޓެނިވިގޮތެއްގައި ދަރަނި ބެލެހެއްޓޭކަން ކަށަވަރުކުރުމާއި، ވިލުންވެރި ތަރައްޤީ ކަށަވަރުކުރުމަކީ އެފަދަ ޤައުމުތަކަށް ހައްސާސް މައްސަލައެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ދެމެހެއްޓެނިވިގޮތެއްގައި ދަރަނި ބެލެހެއްޓުމަކީ ހަމައެކަނި ތަފާސް ހިސާބުތަކުން ކުރާ ކަމެއް ނޫން ކަމަށާއި އެއީ ފުރާނަ ހިމާޔަތްކުރުމާއި، ދިރިއުޅުމުގެ ކަންކަން ހިމާޔަތްކުރުމާއި، މުސްތަޤްބަލު ރައްކާތެރިކުރުމަށްވެސް ކުރަންޖެހޭ ކަމެއްކަމަށެވެ.
ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) އަކީ އެކުވެރި ދައުލަތްތަކުގެ 38 ޤައުމާއި، އެކުވެރި ދައުލަތްތަކުގެ ތެރޭގައި ނުހިމެނޭ ނުވަތަ އެސޯސިއޭޓް މެންބަރުންގެ ގޮތުގައި ހިމެނޭ 20 ޤައުމެއްގެ މައްޗަށް އެކުލެވިފައިވާ ޖަމިއްޔާއެކެވެ.
ދިވެހިރާއްޖެއާއި އެންޓީގާ އެންޑް ބާބިއުޑާ އަކީ ސިޑްސްގެ އެސްއޭޖީގެ ކޯޗެއަރއެވެ.
ރިއެކްޝަންސް






