ދިވެހިރާއްޖެއާއި ބެލަރޫސްއާ ދެމެދު ވިސާއާ ނުލައި ދަތުރުކުރެވޭ އެއްބަސްވުމަށް ރުހުން ދީފި
ދިވެހިރާއްޖެއާއި ބެލަރޫސްއާ ދެމެދު ވިސާއާ ނުލައި ދަތުރުކުރެވޭ ގޮތް ހެދުމަށްޓަކައި އެކުލަވާލާފައިވާ އެއްބަސްވުމުގެ ދެލިކޮޕީއަކަށް ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ ރުހުން ދެއްވައިފިއެވެ.
ބެލަރޫސްގެ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ދިވެހި ރައްޔިތުންނަށާއި ބެލަރޫސްގެ ރައްޔިތުންނަށް ދެ ގައުމުގެ މެދުގައި ވިސާއާ ނުލައި ދަތުރުކުރުމާއި، އެއް ގައުމުން އަނެއް ގައުމަށް އެތެރެވުމުގެ އިތުރުން ޓްރާންސިޓް ކުރުމުގެ ފުރުސަތުވެސް ފަހިވެގެންދާނެއެވެ.
މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދެ ގައުމުގެ ރައްޔިތުންނަށް ވެސް ވިސާއަކާ ނުލައި އެތެރެވާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް އެ ގައުމެއްގައި ހުރުމުގެ ހުއްދަ ލިބިގެންދާނެއެވެ. ނަމަވެސް، މީލާދީ އަހަރެއްގެ ތެރޭގައި ވިސާއާ ނުލައި ހުރެވޭނެ ޖުމްލަ މުއްދަތު 90 ދުވަހަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއެކު އިތުރަށް މަޝްވަރާކޮށް، އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދިއުމުގެ ފުރިހަމަ ބާރު ރައީސް އެލެގްޒެންޑާ ލުކަޝެންކޯ މިހާރު ވަނީ ބެލަރޫސްގެ ފޮރިން މިނިސްޓްރީއަށް ދެއްވާފައެވެ.
ރިޔާސީ ގަނޑުވަރުގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، މި އެއްބަސްވުމުގައި ސޮއިކުރުމާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އަދި ހާއްސަކޮށް ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން ދަތުރުފަތުރު ކުރުމުގައި ދެ ގައުމުގެ ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ރިއެކްޝަންސް





