ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފި

ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފި

5 hours ago - 10:50

މިއަދު ބޭއްވުމަށް ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ، ގާނޫނީ އަދަދު ނުވަތަ ކޯރަމް ހަމަނުވުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ.


އާންމުގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ގައެވެ. ނަމަވެސް، މިއަދުގެ ޖަލްސާ ފެށުމަށް ބޭނުންވާ މެންބަރުން ހަމަނުވުމުގެ ސަބަބުން، ޖަލްސާ ފަށާ ވަގުތު ހެނދުނު 10:00 އަށް ފަސްކުރެވުނެވެ.


ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް، ހެނދުނު 10:00 ޖަހާ ބޮޑުވި ފަހުން އިއުލާން ކުރެއްވީ، ވަގުތު އިތުރުކުރުމުންވެސް ޖަލްސާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވެފައި ނުވާތީ މިއަދުގެ ޖަލްސާ ކެންސަލްކޮށްފައިވާ ކަމަށެވެ.


ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ޖަލްސާއެއްގެ ކޯރަމް ހަމަވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ 25 އިންސައްތަ މެންބަރުން ހާޒިރުވުމުންނެވެ. އެގޮތުން 93 މެންބަރުން ހިމެނޭ 20 ވަނަ މަޖިލީހުގެ ޖަލްސާއެއް ފެށޭނީ މަދުވެގެން 23 މެންބަރުން ހާޒިރުވެ ތިއްބަވައިގެންނެވެ.


މިއަދުގެ ޖަލްސާ ކެންސަލްވުމާ ގުޅިގެން، ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާ އެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މިހާރު ހިނގަމުންދާ ދައުރުގެ ޖަލްސާތައް ނިމި މަޖިލިސް ޗުއްޓީއަށް ދާނީވެސް މާދަމާ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow