މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ކޮންސްޓްރަކްޝަން މުދާ ހޯދުމަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، ސާމާނު ވަރަށް އަވަހަށް ލިބޭނެ: ޝިމާދު
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ މުދާ ހޯދުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "ޓްރޭޑް ޑެސްކް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ޝިމާދު ވިދާޅުވީ، ރާއްޖެއަށް އެންމެ ގިނައިން ސިމެންތިއާއި ހިލަވެލި އެތެރެކުރާ މެދުއިރުމަތީގެ ގައުމުތަކުން މުދާ ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނައިން ހިލަވެލި ގެންނަނީ ޔޫއޭއީގެ ފުޖެއިރާއިން ކަމަށާއި، ސިމެންތި ގެންނަނީ އޮމާނުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޝިމާދު ވިދާޅުވި ގޮތުގައި މެދުއިރުމަތީގެ ގައުމުތަކަކީ ކޮންސްޓްރަކްޝަން މުދާ އުފައްދާ ގައުމުތަކަށް ވީ ނަމަވެސް، އެ ސަރަހައްދުގައި ކުރިއަށްދާ ބޮޑެތި މަޝްރޫއުތަކަށް އެ މުދާ ބޭނުންވާ މިންވަރު އިތުރުވުމާއި، ހަނގުރާމައިގެ ސަބަބުން އެކްސްޕޯޓު ކުރުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މީގެ އިތުރުން ދުނިޔޭގެ އެހެން ބާޒާރުތަކުންވެސް މެދުއިރުމަތީގެ ގައުމުތަކުން މުދާ ގަންނަމުންދާތީ، ރާއްޖެ ފަދަ ގައުމުތަކަށް މުދާ ހޯދުމުގައި ދަތިތަކާ ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ގޮންޖެހުންތަކާއެކުވެސް، އެހެނިހެން ވިޔަފާރިތަކާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ކޮންސްޓްރަކްޝަން މުދާ އެތެރެކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ބާޒާރުން މި މުދާ ލިބޭނެކަން ކަށަވަރު ކުރެވޭނެ ކަމަށް ޝިމާދު ވިދާޅުވިއެވެ. ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވަމުންދާތީ، ހަނގުރާމައިގެ ކުރިން މުދާ ލިބުނު އަގަށްވުރެ ބޮޑު އަގެއްގައި މުދާ ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަތޮޅުތަކަށް މުދާ ފޯރުކޮށްދިނުމާ ގުޅޭގޮތުން ޝިމާދު ވިދާޅުވީ، ތިލަފުށިން ވިޔަފާރިވެރިންގެ އޯޑަރުތަކަށް މުދާ ބަރުކޮށްދިނުމުގެ އިތުރުން، އެސްޓީއޯގެ އަމިއްލަ ދޯނިފަހަރުގައިވެސް ރަށްރަށަށް ކޮންސްޓްރަކްޝަން މުދާ ފޯރުކޮށްދިނުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާ ކަމަށެވެ.
ރިއެކްޝަންސް





