ފުވައްމުލައް ސިޓީ ކައުންސިލުން ފާއިތުވި އަހަރުތަކުގައި ގިނަ ކަންކަމުގައި އިހުމާލުވެފައިވޭ، ނިކުމެ މިހުރީ އެކަމަށް ހައްލު ހޯދައިދޭން: މަސީޙް
ފުވައްމުލައް ސިޓީގެ ތަރައްގީއަށާއި ކުރިއެރުމަށްޓަކައި ރަނގަޅު ޕްލޭނެއް ނެތި، ފާއިތުވި ފަސް އަހަރު ތެރޭގައި ގިނަ ކަންތައްތަކެއްގައި މިހާރުގެ ކައުންސިލުން އިހުމާލުވެފައިވާ ކަމަށް، ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަލީ މަސީޙު ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވާހަކަދައްކަވަމުން، ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލަކު ސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ ޕީއެންސީ ކެންޑިޑޭޓް، އަލީ މަސީޙު ވިދާޅުވީ، ފާއިތުވި ފަސް އަހަރު ތެރޭގައި ހައްލު ނުކޮށް ދޫކޮށްލާފައިވާ ކަންތައްތަކަށް ހައްލު ހޯދައި ދިނުމަށްޓަކައި މިއަދު ފުވައްމުލައް ސިޓީގެ މޭޔަރ ކެންޑިޑޭޓު ގޮތުގައި ނިކުމެ ހުންނެވި ކަމަށެވެ.
މަސީޙު އިތުރަށް ފާހަގަކުރެއްވިގޮތުގައި، ފުވައްމުލަކު ސިޓީ ތަރައްގީ ކުރުމަށް ރަނގަޅު ޕްލޭނެއް ނެތި، ކައުންސިލުން ގިނަ ކަންތައްތަކެއްގައި ފަރުވާ ކުޑަ ކޮށްފައިވާ ކަމަށެވެ. ފުވައްމުލަކު ސިޓީގެ ތަރައްޤީއަށް ހުރި ހުރަސްތަކާއި ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް އަލިއަޅުއްވާލައްވައި، މަސީޙުވަނީ ކައުންސިލްގެ އިހުމާލުން ރަށުގެ މުހިއްމު ވަސީލަތްތައް ވީރާނާވަމުންދާކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މަސީޙު ފާހަގަކުރެއްވި ގޮތުގައި ފުވައްމުލަކު ބަނދަރުގެ ހާލަތު އޮތީ އިންތިހާއަށް ދަށްވެފައެވެ. އެގޮތުން ބަނދަރުގެ ފާލަން ހަލާކުވެ ބޭނުންނުކުރެވޭ ހާލަތުގައި އޮތްއިރު، އެކަށީގެންވާ ފެރީ ޓާމިނަލެއް ނެތުމުގެ ސަބަބުން އައްޑޫ އާއި ހުވަދޫއަށް ދަތުރުކުރާ ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ބަނދަރުގައި އާންމު ފާޚާނާ ބްލޮކެއް ފަދަ އަސާސީ ޚިދުމަތްތައް ނެތުމާއި، މަސްމާރުކޭޓުގެ ހާލަތު ގޯސްވުމުގެ ސަބަބުން، މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން މަސީޙު ވިދާޅުވިއެވެ.
ރަށުގެ ފަތުރުވެރިކަމަށް ބަލާއިރު، އެންމެ މަގުބޫލު އެއް ސަރަހައްދު ކަމަށްވާ ތޫޑޫގައި ވިޒިޓާސް ސެންޓަރެއް ނެތްކަން މަސީޙު ފާހަގަކުރެއްވިއެވެ. އަދި ރަށުގެ އިޖުތިމާއީ މައިޒާންތަކާއި ކުޅިވަރު ބިނާތަކަށް އަޅާނުލެވި، ޕާކުތައް ވީރާނާވަމުންދާ ކަމަށާއި، ކުޅިވަރު ދަނޑުތަކުގައި ޒަމާނީ ވަސީލަތްތައް ނެތުމުން ޒުވާނުންނަށް އެކަށީގެންވާ މާހައުލެއްގައި ހަރަކާތްތައް ކުރިއަށް ނުގެންދެވޭކަމަށްވެސް ވިދާޅުވިއެވެ.
އިގްތިސާދީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން މަސީޙު ވިދާޅުވީ، ފުވައްމުލަކުގެ ބިމަކީ ރަށުގެ އެންމެ އަގުހުރި ރައުސްމާލު ކަމުގައި ވީނަމަވެސް، ދަނޑުވެރިކަމާއި ވިޔަފާރި ކުރަން ބޭނުންވާ ޒުވާނުންނަށް ބިން ލިބުމުގެ ދަތިކަން އިންތިހާއަށް އެބައޮތް ކަމަށެވެ. ހަރުދަނާ ލޭންޑް ޔޫސް ޕްލޭނެއްގެ ދަށުން ޒުވާނުންނަށް އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަކީ ކައުންސިލްގެ ޒިންމާއެއް ނަމަވެސް، އެކަން ކުރެވިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
މަސީޙު ވާހަކަ ނިންމަވާލެއްވީ، ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލަށް ހައްލުނުކުރެވުނު މިފަދަ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދީ، ފުވައްމުލަކަށް އަމަލީ ތަރައްޤީ ގެނައުމަށްޓަކައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އޭނާއަށް ތާއީދުކޮށްދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަމުންނެވެ.
ރިއެކްޝަންސް



