
ހަނިމާދޫ އިންޓަރނޭޝަނަލް އެއަޕޯރޓުން ފުރާ ދަތުރުވެރިންނަށް އެއަޕޯރޓުން ޑޮލަރު ގަނެވޭނެ- ރައީސް
ލަސްވެގެން ނޮވެމްބަރު މަހު އެއަރޕޯރޓް ހުޅުވޭނެ
ހަނިމާދޫ އިންޓަރނޭޝަނަލް އެއަޕޯރޓުން ފުރާ ދަތުރުވެރިންނަށް އެއަޕޯރޓުން ޑޮލަރު ގަނެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހަނިމާދޫއަށް ވަޑައިގެން ރޭ އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްގެންދަވައި، ލަސްވެގެން ނޮވެމްބަރު މަހު، އެ ވައިގެބަނދަރު ފުރިހަމައަށް ބޭނުންކުރެވޭގޮތަށް ނިންމައި ހުޅުވުން ކަމަށެވެ.
ހަނިމާދޫ ވައިގެބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްތައް ދިގުލައިގެން ގޮސްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިފަހަރު ކުރިއަށްގެންދަވާ މަސައްކަތްތަކާއެކު، އެ ވައިގެބަނދަރު، ބައިނަލްއަޤުވާމީ ދަތުރުތަކަށް ފުރިހަމައަށް ތައްޔާރުކުރެއްވޭނޭ ކަމަށެވެ. އެގޮތުން، އެއަރޕޯޓުގައި ބޭންކް އޮފް މޯލްޑިވްސްގެ ކައުންޓަރެއް ބަހައްޓައި، ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް އެއަރޕޯޓުން ޑޮލަރު ގަނެވޭނޭ އިންތިޒާމު ހަމަޖައްސަވައިދެއްވާނޭކަމަށް ވިދާޅުވިއެވެ.
ރަށުގެ ލޯކަލް ޓޫރިޒަމަށްވެސް މަގު ފަހިވާނޭ ބީދައިން، އެއަރޕޯޓުން ބޭރުގައިވެސް ޑޮލަރު އޭ.ޓީ.އެމެއް ބަހައްޓައިދެއްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ރުފިޔާ އޭ.ޓީ.އެމްތައްވެސް ހަނިމާދޫގައި ބެހެއްޓުމުގެ ތައްޔާރީތައް ވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަނިމާދޫ ކައުންސިލުން ޖާގަ ހަމަޖައްސަވައިދެއްވުމާއެކު، އެއާޕޯޓު ހުޅުވެން ވާއިރަށް، އެރަށުގައި ޕާސްޕޯޓާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ޚިދުމަތްވެސް ޤާއިމުކޮށްދެއްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރިއެކްޝަންސް






