ދަނޑުވެރިކަމުގެ ޚާއްސަ މަޝްރޫޢެއް އުތުރު ތިލަފަޅުގައި ކުރިއަށް ގެންދަނީ

ދަނޑުވެރިކަމުގެ ޚާއްސަ މަޝްރޫޢެއް އުތުރު ތިލަފަޅުގައި ކުރިއަށް ގެންދަނީ

ދިވެހިރާއްޖޭގައި ދަނޑުވެރިކަން އިތުރަށް ފުޅާކޮށް، ރާއްޖޭގައި ފުޑް ސެކިއުރިޓީ ޤާއިމްކުރުމާ ގުޅޭގޮތުން ޗައިނާ ސަރުކާރާއެކު އެއްބަސްވުމެއް ހަދާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

9 months ago - 09:10
Jan 14, 2024 - 09:10

ދިވެހިރާއްޖޭގައި ދަނޑުވެރިކަން އިތުރަށް ފުޅާކޮށް، ކާބޯތަކެތި ދަތިނުވެ ލިބޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ފުޑް ސެކިއުރިޓީ ޤާއިމްކުރުމަށްޓަކައި ޗައިނާ ސަރުކާރާއެކު އެއްބަސްވުމެއް ހަދާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ރާއްޖެވަޑައިގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ހުންނަވައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ ޚާއްޞަ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ޗައިނާ ސަރުކާރާއެކު މަޝްވަރާކުރެއްވި ކަމަށެވެ.

ރައީސް ވިދާޅުވީ ޗައިނާ ސަރުކާރާ ގުޅިގެން އުތުރުތިލަފަޅުގައި ހިންގާ ދަނޑުވެރިކަމުގެ މަޝްރޫގެ ދަށުން ރާއްޖޭގައި އާންމުކޮށް ހައްދާ ދަނޑުވެރިކަމުގެ ހުރިހާ ބާވަތެއް މަދުވެގެން ދެލައްކަ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ހެއްދޭނެ އެގްރިކަލްޗަރ އެސްޓޭބްލިޝްމެންޓެއް ޤާއިމްކުރެވޭނެ ކަމަށެވެ.

Advertisement

ރައީސް ވިދާޅުވީ ފުޑް ސެކިއުރިޓީއާ ގުޅޭ ގޮތުން ޗައިނާ ސަރުކާރާއެކު ވެވުނު އެއްބަސްވުމުގައި ސޮއިކުރެވީ އެމަނިކުފާނާއި ޗައިނާގެ ރައީސް ޝީ ޖިންޕިން އާ ދެމެދު އެގައުމުގެ ވެރިރަށް ބެއިޖިންގގައި ބޭއްވެވި ދެ ޤައުމުގެ ރަސްމީ ވާހަކަފުޅުތަކަށްފަހު އޮތް ރަސްމިއްޔާތުގައެވެ.

އެ ރަސްމިއްޔާތުގައި މައިގަނޑު 20 ދާއިރާއަކުން ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުން ހަދާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ރައްޔިތުންނަށް ބޭނުންވާ ހަނޑޫ، ހަކުރު، ފުށް އެތެރެކުރުން ވަކި ޤައުމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި ތުރުކީވިލާތުން އެތަކެތި ގެނައުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ގެ ދެކަނބަލުން މިމަހުގެ 7 އިން 13އަށް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow