ދައުލަތުގެ އާމްދަނީ 12 އިންސައްތަ އިތުރުވެއްޖެ

ދައުލަތުގެ އާމްދަނީ 12 އިންސައްތަ އިތުރުވެއްޖެ

7 hours ago - 16:50
Advertisement
Advertisement

މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 12 އިންސައްތަ އިތުރުވެފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.


މާލީ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުގައިވާ ގޮތުން، މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 16.8 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 14.9 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 1.8 ބިލިޔަން ރުފިޔާ ނުވަތަ 12.2 އިންސައްތައިގެ ކުރިއެރުމެކެވެ.


ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުން ލިބޭ އާމްދަނީއެވެ. އެގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 17.1 އިންސައްތަ އިތުރު އަދަދެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި މާލީ ވުޒާރާއިން ފާހަގަކުރައްވަނީ ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ 31.3 އިންސައްތަ އިތުރުވުމެވެ.


ޚަރަދުތަކަށް ބަލާއިރު، މި މުއްދަތުގައި ދައުލަތުން 16.7 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ ތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 14.7 ބިލިޔަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 2.0 ބިލިޔަން ރުފިޔާ ހިމެނެއެވެ. ލިބުނު ޖުމްލަ އާމްދަނީ ކުރެވުނު ޚަރަދަށްވުރެ އިތުރުވުމުގެ ސަބަބުން، ދައުލަތުގެ ބަޖެޓުން ވަނީ 118.2 މިލިޔަން ރުފިޔާގެ ސާޕްލަސްއެއް ނުވަތަ އަރަނިކަމެއް ރެކޯޑްކުރެވިފައެވެ.


މި މުއްދަތުގައި ސަބްސިޑީއަށް ކުރި ޚަރަދު 2.3 ބިލިޔަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 77.8 އިންސައްތައިގެ އިތުރުވުމެކެވެ. ސަބްސިޑީގެ ޚަރަދު ބޮޑުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުން، ކަރަންޓު އުފެއްދުމަށް ވިއްކާ ތެލުގެ ސަބްސިޑީއަށް ހިނގި ޚަރަދު އިތުރުވުމުން ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.


މާލީ ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، ބައިނަލްއަޤްވާމީ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތަކުން އާންމުންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި، ސަރުކާރުން ފޯރުކޮށްދޭ ސަބްސިޑީގެ އެހީގައި އަސާސީ މުދަލާއި ޚިދުމަތްތަކުގެ އަގުތައް ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. ނިމިދިޔަ އަހަރާ އެއްވަރެއްގައި ދަރަނި އަދާކުރުމާއި އިންޓަރެސްޓްގެ ޚަރަދުތައް ހިފެހެއްޓިފައިވާއިރު، އެކަމަށް 2.1 ބިލިޔަން ރުފިޔާ ހިނގާފައިވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement