އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ މުރާޖަޢާކޮށްފި

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ މުރާޖަޢާކޮށްފި

7 hours ago - 16:40
Advertisement
Advertisement

ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ (ޑަބްލިޔުޑީސީ) ރައީސުންގެ މުސާރަ 20،000 ރުފިޔާއަށް ބޮޑުކުރުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފިއެވެ. މިއީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ގެނައި މުހިންމު ބަދަލެކެވެ.


ނޭޝަނަލް ޕޭ ކޮމިޝަނުން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ 20،000 ރުފިޔާއަށް ހަމަޖައްސާފައިވާއިރު، އެ ކޮމިޓީތަކުގެ ނައިބު ރައީސުންނަށް 7،000 ރުފިޔާ އަދި މެމްބަރުންނަށް 6،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.


މީގެ އިތުރުން ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މުސާރައަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ރަށްރަށުގެ ކޮމިޓީތަކުގެ ރައީސުންނަށް 15،000 ރުފިޔާ، ނައިބު ރައީސުންނަށް 6،000 ރުފިޔާ އަދި މެމްބަރުންނަށް 5،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.


މި ބަދަލުތަކަކީ އަންހެނުންގެ ކޮމިޓީތަކުގެ މެމްބަރުންނަށް މީގެ ކުރިން ލިބެމުން އައި ނިސްބަތުން ކުޑަ މުސާރައަށް ގެނެވުނު އެދެވޭ ކުރިއެރުމެކެވެ. މި އަހަރުގެ ބަޖެޓު ހުށަހެޅުމުގެ ކުރިންވެސް މި ކޮމިޓީތައް ބާރުވެރިކުރުވުމަށް ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ.


އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މީގެކުރިން ކައުންސިލްގެ ބަޖެޓުން ދެމުންދިޔަ 5 އިންސައްތަ ވަނީ 10 އިންސައްތައަށް ބޮޑުކޮށްފައެވެ. އަދި ކޮމިޓީގެ މެމްބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސަކީ ކޮމިޓީގެ ބަޖެޓުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖައްސާ އެލަވަންސަކަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންހެނުން ބާރުވެރިކުރުވުމަށް ހާއްސަ އިސްކަމެއް ދެމުންދާއިރު، މި ގެނެވުނު ބަދަލުތަކުގެ ސަބަބުން ކޮމިޓީތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، އަންހެނުންގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ކުރާ މަސައްކަތްތަކަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement