
ޣައްޒާ އާރަސްތުކުރުމުގެ ޕްލޭނެއް މިޞްރުން ހަދަނީ
ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުގައި ބައިތިއްބައިގެން ޣައްޒާ އާރާސްތުކުރުމުގެ ޕްލޭނެއް ތައްޔާރުކުރަމުން އަންނަ ކަމުގައި މިޞްރުން ބުނެފިއެވެ. މިއީ ހިޔާލުތަފާތުވުން އުފެދިފައިވާ ޓްރަމްޕްގެ ޣައްޒާ ޕްލޭނަށް ހައްލެއް ހޯދުމަށް މިޞްރުން އިސްނަގައިގެން ކުރަމުންދާ މަސައްކަތެކެވެ.
މިޞްރު ޚާރިޖީ ވަޒިރު ބަދްރް އަބްދެއްލާތީއާ ޙަވާލާދީ މިޞްރުގެ ސަރުކާރުގެ ނޫހެއް ކަމަށްވާ އަލް-އަހްރަމް އިން މިކަން ރިޕޯޓްކޮށްފައިވަނީ ހޯމަ ދުވަހުއެވެ. އެ ނޫހުގައި ވާގޮތުން ކައިރޯއިން ތަރައްޤީ ކުރާ ޕްލޭން ވަނީ ގިނަ ފިޔަވަހިތަކަކަށް ބަހާލެވިފައެވެ. އޭގެ ތެރޭން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ޣައްޒާގައި އިންސާނުން ދިރިއުޅެން އެކަށީގެންވާ ތަނަކަށް ހެދުމަށް އަވަސް ފިޔަވަޅުތައް އެޅުންވެސް ހިމެނެއެވެ.
އެނގިފައިވާ ގޮތުގައި މިޞްރުން އަންނަ ހަފްތާގެ ނިޔަލަށް މި ޕްލޭން އެކުލަވާލާ ނިންމާލާނެއެވެ. އަދި ޕްލޭންގެ ފުރަތަމަ ފިޔަވަހި ޙިއްސާކުރުމަށް މި ހިނގާ ފެބުރުވަރީ މަހުގެ 27 ވަނަ ދުވަހު "ކުއްލި އަރަބި ސަމިޓެއް" ކައިރޯގައި ބޭއްވުމަށްވަނީ ތާވަލްކުރެވިފައެވެ.
މި ސަމިޓްގެ ކުރިން މިޞްރާއި, ޤަތަރު, އަދި އެކުވެރި ޢަރަބި އިމާރާތާއި އުރުދުންގެ އިސްވެރިން ސައުދި އެރޭބިއާގެ ވެރިރަށް ރިޔާދްގައި ބުރާސްފަތި ދުވަހު ބައްދަލުކުރާނެއެވެ. މި ބައްދަލުވުމުގެ މަޤްސަދަކީ ޣައްޒާ އާރާސްތުކުރުމަށް މިޞްރުން އެކުލަވާލާ ދެލިކޮޕީއަށް މަޝްވަރާ ހޯދުމެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖެނުއަރީ ފަހުކޮޅު ހުވާ ކުރުމާއިއެކު ވަނީ ޣައްޒާ އެމެރިކާގެ މިލްކަކަށް ހެދުމާގުޅޭގޮތުން އޭނާގެ ޕްލޭނެއް އިއުލާންކޮށް މުޅި ދުނިޔޭގެ ސަމާލުކަން އެކަމަށް ހޯދާފައެވެ. ޓްރަމްޕްގެ ޕްލޭންގައި ވާގޮތުން ޣައްޒާގެ އާބާދީގެ 2.3 މިލިއަން މީހުން އެއްކޮށް ހުސްކޮށް އެތަން އާރަސްތުކުރާނީ ޗުއްޓީ މަންޒިލެއްގެ ގޮތުގައެވެ. އަދި އެތަނަށް ޣައްޒާގެ ރައްޔިތުންނަށް އަނބުރާ ނާދެވޭނެ ކަމަށްވެސް ޓްރަމްޕް ވަނީ ބުނެފައެވެ.
ޓްރަމްޕްގެ ޕްލޭން ކުރިއށް ގެނދިއުމަށް އިޒްރާއިލްއިން ފުރިހަމަ އެއބާރުލުން ދޭނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ. ޓްރަމްޕް ގެންދަނީ އެކަމާ ގުޅޭގޮތުން އުރުދުން އަދި މިޞްރުގެ ވެރިންނަށް ފިއްތުންތައް ކުރިމަތިކުރާނެ މޭރުމުން ތަކުރާރުކޮށް ވާހަކަ ދައްކަމުންނެވެ.
އަލް-އަހްރަމް ނޫހުން ބުނެފައިވަނީ މިޞްރުގެ މި ޕްލޭންއަކީ ޓްރަމްޕްގެ ޕްލޭންނަށް ދޭ ރައްދެއް ކަމުގައެވެ. އަދި އެއީ ޣައްޒާގެ ޖިއޮގްރަފިކް އަދި ޑެމޮގްރަފިކް ސްޓްރަކްޗަރަށް އެއްވެސް ބަދަލެއް އަތުވެދާނެ ފަދަ ޕްލޭނަކަށް ޖާގަދިނުމެއްނެތްކަން އަންގައިދިނުމުގެ ގޮތުން ކަމަށްވެސް އެނޫހުގައި ބުނެފައި ވެއެވެ.
"މި ޕްލޭން އާއެކު ޣައްޒާ އާރާސްކުރާއިރު ޣައްޒާގެ ރައްޔިތުން ތިބޭނީ ޣައްޒާގެ ބިމުގައި. ފުރަތަމަ ހަމަސްދުވަހު އެމީހުން ތިބޭނީ އެމީހުންގެ ރައްކާތެރިކަމަށް ހަދާފައި ހުންނަ ހިމާޔަތް ލިބޭ ތިން ސަރަޙައްދެއްގައި" އޮފިޝަލުންނާ ހަވާލާދީ އޭޕީގައި ބުނެފައި ވެއެވެ.
މޮބައިލް ގެތަކާއި އިންސާނީ އެހީއާއެކު ޣައްޒާ އާރަސްތުކުރާނީ ޣައްޒާގެ ރައްޔިތުންނަށް ވަޒީފާ ދީގެން ކަމުގައިވެސް ޕްލޭންގައި ވާކަމަށް ނަންނުޖަހަން ޝަރުތުކޮށް އޮފިޝަލަކު ބުނެފައިވާކަމަށް އެ ނޫހުގައި ވެއެވެ. އަދި އަރަބި ޕާޓްނަރުންނާއި ވިލާތުގެ ޑިޕްލޮމެޓުންނާއިއެކު މިކަމަށް ހޭދަވާ ފައިސާ އާ ގުޅޭގޮތުން މަޝްވަރާތައްވެސް މިހާރު ވަނީ ބައްވާފައި ކަމުގައި ވެސް އޮފިޝަލާ ޙަވާލާދީ ރިޕޯޓްކޮށްފައިވެއެވެ
ރިއެކްޝަންސް






