
ފަލަޞްޠީނުގެ ދައުލަތް ސައުދި އެރޭބިއާގައި ހަދަން ނަތަންޔާހޫ ގޮވާލި ގޮވާލުމަށް ސައުދި އެރޭބިއާއިން ރައްދުދީފި
އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފަލަޞްޠީނުގެ ދަޢުލަތާ ގުޅިގެން ދެއްކެވި ވާހަކަތަކަށް ސައުދީ އެރޭބިއާއިން ރައްދު ދީފިއެވެ. މިއާއެކު އިޒްރާއިލް އާއި ފަލަޞްޠީނުގެ ގުޅުން ރަނގަޅުވުމަކީ ދުރުކަމެއް ކަމުގައި ވަނީ ބެލެވެންފަށައިފިއެވެ. ނަތަންޔާހޫ ވަނީ ފަލަޞްޠީނުގެ ދަޢުލަތް ފަލަޞްޠީނުގައި ހެދުމުގެ ބަދަލުގައި ސައުދި އެރޭބިއާގެ ބިމުގައި ފަލަޞްޠީނުގެ ރައްޔިތުންނަށް ދައުލަތެއް ހެދުމަށް ގޮވާލާފައެވެ.
"ސައުދި އެރޭބިއާގައި ފަލަޞްޠީނުގެ ދައުލަތެއް ހެދިދާނެ.އެތާގައި ބައިވަރު ބިންވެސް އެބައޮތް" އިޒްރާއިލް ގެ ޗެނަލް 14 އަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ބުނެފައި ވެއެވެ.
ނަތަންޔާހޫގެ އިންޓަވިއުއަށް ފަހުވެސް ސައުދި އެރޭބިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނި ފަލަޞްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް އެޤައުމުން ދަމަހައްޓަމުން އަންނަ ސްޓޭންޑަށް ބަދަލެއް ނާންނާނެ ކަމުގައެވެ.
"ސައުދި އެރޭބިއާގެ ރަސްގެފާނުވަނީ ފަލަޞްޠީނުގެ މިނިވަން ދަޢުލަތް ފަލަޞްޠީނުގެ ބިމުގައި ޤާއިމްކުރުމަށާއި އިރުމަތީ ޤުދުސްއަކީ ފަލަޞްޠީނުގެ ވެރިރަށް ކަމަށް ކަނޑައެޅުމަށް ސައުދީން ކުރަމުންގެންދާ މަސައްކަތް ހުއްޓާނުލާނެކަމަށް ބުނެފަ. އަދި އެކަން ޙާސިލްނުވަނީސް އިޒްރާއިލްއާ ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުނުރާނެ" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ސައުދި އެރޭބިއާއިން ވަނީ ޓްރަމްޕްގެ ޣައްޒާ 'ހުސްކޮށް' އެމެރިކާގެ މިލްކަކަށް ހެދުމުގެ ޕްލޭނަށްވެސް ފާޅުކަންބޮޑު ގޮތެއްގައި ދެކޮޅުހަދާ, އެކަމާ ދެކޮޅަށް އަޑުއުފުލާފައެވެ. އަދި ފަލަޞްޠީނުގެ ރައްޔިތުން އެމީހުންވެ ވަޒަނުން ނެރެލުމަށް ކުރާ އެއްވެސް ކަމަކީ ބަލައިގަނޭވޭނެ ކަމެއް ނޫންކަމށްވެސް ވަނީ ބުނެފައެވެ.
ފަލަޞްޠީނުގެ ދައުލަތް ޤާއިމްނުކުރަނީސް އިޒްރާއިލްއާ އަލުން ގުޅުން ބަދަހިނުކުރާނެކަމަށް ގޮވާލާ ސައުދީ އެރޭބިއާއިން ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައިވަނީ ވަރަށް ބޮޑަށް އިޙްތިޖާޖްކޮށްފައެވެ. ނަމަވެސް އިޒްރާއިލް ވަނީ ފަލަޞްޠީނުގެ ހުށަހެޅުމަށް އިންކާރުކޮށް, އެއީ އިޒްރާއިލްއަށް ސަލާމަތީގޮތުން ނުރައްކަލެއް ކަމަށް ބުނެފައެވެ.
ރިއެކްޝަންސް






