މި ޒަމާނަށް އަޅުގަނޑުމެން ހޭލަންވާނީ ވަރުގަދަ ޢަޒުމަކާއި، ހިތްވަރާއެކު - ރައީސުލްޖުމްހޫރިއްޔާގެ ނައިބު
ހުރަވީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަ ދައްކަވަނީ: ފޮޓޯ-ރައީސް އޮފީސް

މި ޒަމާނަށް އަޅުގަނޑުމެން ހޭލަންވާނީ ވަރުގަދަ ޢަޒުމަކާއި، ހިތްވަރާއެކު - ރައީސުލްޖުމްހޫރިއްޔާގެ ނައިބު

"މިއަދު ހަނގުރާމަތައްކޮށް ޤައުމުތައް ސުންނާފަތި ކުރުމުގައި ބޭނުން ހިފަނީ ހައިބްރިޑް ހަތިޔާރާއި އޭގެ އުކުޅުތައް "

4 months ago - 05:49
Dec 5, 2024 - 13:06
Advertisement
Advertisement

މި ޒަމާނަށް އަޅުގަނޑުމެން ހޭލަންވާނީ ވަރުގަދަ ޢަޒުމަކާއި، ހިތްވަރާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޟު ހުސައިން މުޙައްމަދު ލަތީފް ވިދާލުވެއްޖެއެވެ. މި އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ޒަމާނަށް ހޭލަންވާނީ ކަމުގެ ޢިލްމާއި ހުނަރާއި ފަންނުތައް ދަސްކޮށް، އެ ކަންކަމަށް ހޭލުންތެރިވެގެން ކަމަށެވެ. އަދި 21 ވަނަ ޤަރުނުގެ ތަހުޒީބާއި ތަމައްދުންގެ އުކުޅުތަކާއި ގޮތްތައް ދަސްކުރުމަށް، އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މިއަދު ހަނގުރާމަތައްކޮށް ޤައުމުތައް ސުންނާފަތި ކުރުމުގައި ބޭނުން ހިފަނީ ހައިބްރިޑް ހަތިޔާރާއި އޭގެ އުކުޅުތައް ނުވަތަ ކައްޗަރީ ވިސްނުމާއި އޭގެ ހުނަރުތައް ކަމަށެވެ. އެހެންކަމުން މިއަދު އަޅުގަނޑުމެން އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހިފައި ވަނީ މިފަދަ ނުރައްކާތަކުން ދަފަރާވުމުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ. މި ހަނގުރާމައާ ކުރިމަތިލާން ބޭނުންވާ ފަންނިއްޔާތުގެ ހުނަރުތައް ދަސްކުރުމަށް އަދުގެ ޒުވާނުންނަށް، އެމަނިކުފާނު ގޮވާލެއްވިއެވެ.

 

Advertisement
Advertisement

ކައްޗަރީ ހަނގުރާމައިގެ ނުފޫޒުތައް ފެތުރުން ވަނީ ޤައުމެއްގެ އިޖުތިމާޢީ ބިނާރަށް ތާއަބަދަށް ދެވޭ ގެއްލުމަކަށް ކަމުގައި ސިފަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ނަތީޖާއެއްގެ ގޮތުން، އިޖުތިމާޢީ އެއްބައިވަންތަކަމާއި ޢިޤްތިޞާދީ ހަމަޖެހުމަށް ގެއްލުންވެ، އެތައް ޒަމާނަކަށް ދޮގު މައުލޫމާތު ފެތުރިގެންދާކަމަށެވެ. އަދި މިފަދަ ތޫނު ޚަންޖަރުތަކުން ދެވޭ ޒަޚަމްތަކަކީ ޤައުމު ބައިބައިވެ، ޤައުމީވަންތަކަން ބަލިކަށިވެ، ރައްޔިތުންގެ މެދުގައި ޤައުމީ މަސްލަހަތާ މެދު އޮންނަ އިތުބާރު ފުނޑުފުނޑުވެ، ދާއިމަށް ދެމިގެން ހިނގައިދާނެ ފަދަ ބިރުވެރި ކަމަކަށް ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އަދުގެ ޒުވާން ޖީލަކީ މާދަމާއަށް ނަމޫނާ ޖީލަކަށް ވާންޖެހޭ ބައެއް ކަމަށާއި، އެ ނަމޫނާ ދެއްކޭނީ ދޮންބަންޑާރައިން ފަދަ އިއްޔެގެ މާޒީގެ ބަޠަލުންނަށް އަދާކުރާން ޖެހޭ ޝުކުރު، ޙަޤީޤީ މާނައިގައި އަދާކޮށްގެން ކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އެކަން ފާހަގަކުރައްވާ އެމަނިކުފާނު ގޮވާލެއްވީ ޒުވާނުންނަކީ ފަންނީ ގޮތުން ހުނަރުވެރި ބަޔަކަށް ހެދުމަށްޓަކައި އަދުގެ ސަރުކާރުން ކުރައްވާ މުހިންމު މަސައްކަތްޕުޅުތަކުގައި ޢަމަލާއި ބަހުން ޝާމިލްވެ، ޤައުމީތަރައްޤީއަށް ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށެވެ.

އަދުގެ ސަރުކާރުން ދިވެހި ޤައުމުގެ އެންމެ މަތީ މަސްލަހަތުން ފެށިގެން އާންމު މަސްލަހަތުތައް ހިމާޔަތްކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާކަމަށާއި، ފަންނިއްޔާތުގެ ދާއިރާއަށް އަންނަމުންދާ ހަލުވި ތަރައްޤީއާއި، މަސްނޫއީ ވިސްނުން ފުޅާވާމުން އަންނަ އައުމާއެކު ސައިބަރ ސަލާމަތީ ފިޔަވަޅުތައްވެސް ކަމާބެހޭ ފަރާތްތަކުގެ ފަންނީ އެހީއާއެކު ހަރުދަނާކުރައްވަމުން ގެންދަވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ހައިބްރިޑް ހަނގުރާމައިން ދަފަރާވާން އަޅުގަނޑުމެންނަށް ކުރާންޖެހިފައިވާ ވަރަށް ގިނަ ކަންކަން އެބަހުރިކަމަށާއި، ސައިބަރ ރައްކާތެރިކަމުގެ ތަމްރީނުތައްދީ، ނުރައްކާތައް ދެނެގަތުމުގެ އުކުޅުތައް ދަސްކޮށްދީ، އެކި ގޮތްގޮތުން ފެތުރޭ ދޮގު މައުލޫމާތާ ދެކޮޅަށް މަސައްކަތް ކުރުމަށް މަޖުބޫރުވެފައި ވާ ކަމަށެވެ.

ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދުރު ވިސްނުންފުޅާއެކު ޤައުމީ މަސްލަހަތަށްޓަކައި ކަމާބެހޭ އެންމެހައި ފަރާތްތަކާއި، ޤައުމީ މަސްލަހަތުވެރީންނާ، އެކުވެރި ގުޅުންތަކާއެކު އުޚުއްވަތްތެރިކަމުގެ ވިޔުގައެއް ގާއިމުކުރެވެމުންދާ ކަމަށާއި، ދިވެހި އަސްކަރީ ބާރުވެރިކަމާއި، ދިވެހި ރައްޔިތުންނަށް ދެމުންދާ ސަލާމަތީ ޚިދުމަތުގެ ދަންމަރު އެމަނިކުފާނު ގެންދަވަނީ ދުވަހެއް ދުވަހަކަށް ވަރުގަދަކުރައްވަމުންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ތަރައްޤީއާއި ތަހުޒީބު، އަދި އިޖުތިމާޢީ ރައްކާތެރިކަމާއި، މުޖުތަމަޢުގެ ދުޅަހެޔޮކަމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ގެންދަވަނީ ގިނަގުނަ މަސައްކަތްޕުޅުތައް ކުރައްވަމުންކަންވެސް ފާހަގަކުރެއްވިއެވެ. އެކަން ފާހަގަކުރައްވާ ދިވެހި ޤައުމު އާރާސްތުކުރައްވައި ދިވެހި ޤައުމުގެ ހައިބަތާއި ޢިއްޒަތް ދުނިޔެއަށް ހާމަކުރެއްވުމުގައި ރައީސުލްޖުމުހުރިއްޔާ ކުރައްވަމުން ގެންދަވާ އަގުހުރި، ޙިކުމަތްތެރި މަސައްކަތްޕުޅުތަކަށް އެމަނިކުފާނު ވަނީ ޝުކުރު ދަންނަވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement