މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %12 އިތުރުވެއްޖެ
މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 12 އިންސައްތަ އިތުރުވެ، އެ ޤައުމަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުގެ މަޤާމުގައި ދެމިއޮތްކަން ހާމަވެއްޖެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 335,917 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ޤައުމުން ރާއްޖެ އައިސްފައިވަނީ 298,626 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 12 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މީގެއިތުރުން، މިދިޔަ އަހަރު އެއްކޮށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި 329,428 ފަތުރުވެރިންގެ ޖުމްލަ ޢަދަދަށްވުރެ ވެސް މިއަހަރުގެ މިހާތަނަށް އެ ޤައުމުން އައި ފަތުރުވެރިންގެ ޢަދަދު ވަނީ އިތުރުވެފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރުގެ ދެވަނައިގައި މިހާރު އޮތީ ރަޝިއާއެވެ. އެ ޤައުމުން މިއަހަރުގެ މިހާތަނަށް 263,546 ފަތުރުވެރިން އައިސްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން ރާއްޖެއަށް 139,737 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ޖުމްލަ ގޮތެއްގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.8 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3 އިންސައްތަ ދަށް އަދަދެކެވެ. މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 5,911 ފަތުރުވެރިން ޒިޔާރަތްކުރާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ ޖުމްލަ 2.5 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. އެހެންނަމަވެސް، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް އައި ލޮޅުންތަކުގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ވަނީ ފޯރާފައެވެ.
މި ގޮންޖެހުންތަކާ ގުޅޭގޮތުން ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ދިމާވި ދަތިތަކާއެކުވެސް ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރުންނާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ. އަދި މި މަސައްކަތްތަކުގެ ފުރިހަމަ ކާމިޔާބީ އަހަރުގެ ފަހު ކުއާޓަރުގައި ބޮޑުތަނުން ފެނިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ރިއެކްޝަންސް





