ހުޅުމާލޭގެ ވޯޓާ ތީމް ޕާކު ތަރައްޤީކުރުމުގެ މަސައްކަތް އަލުން ފަށަނީ
ހުޅުމާލޭގައި ތަރައްގީކުރަން ފަށައި ނުނިމި ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ވޯޓާ ތީމް ޕާކުގެ މަސައްކަތް އައު ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެތަން އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ ވޯޓާ ތީމް ޕާކުގެ ގޮތުގައި ހުޅުމާލޭގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2017 ވަނަ އަހަރު، އޭރުގެ ސަރުކާރުގައެވެ. އެ ފަހަރު މި މަސައްކަތް ހަވާލުކުރީ މެލޭޝިއާގެ ވޯޓާ ފްރޮންޓް ހޮޓެލް އެންޑް ލެއިޝާ ކުންފުންޏާއެވެ. ނަމަވެސް އެ މަޝްރޫއުގައި ހިމެނޭ ބައެއް އިމާރާތްތަކުގެ ކޮންކްރީޓް މަސައްކަތްތަކެއް ކުރުމަށްފަހު، އެކި ސަބަބުތަކާ ހުރެ 2018 ވަނަ އަހަރުން ފެށިގެން އެ މަސައްކަތް އޮތީ މުޅިން ހުއްޓިފައެވެ.
މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުރި ކަމަށް ބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަ ތަހުގީގުކޮށް، ދިގުލައިގެން ދިޔަ ޝަރުއީ މަރުހަލާތަކެއް ވެސް ކުރިއަށް ދިޔައެވެ. އޭގެ ފަހުން، 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށްފައެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ވެސް އެތަނުގެ މައްސަލަތަކަށް ގާނޫނީ އަދި އިދާރީ ހައްލެއް ނުލިބި، މަސައްކަތް ކުރިއަށް ނުގޮސް އޮތީ ހުއްޓިފައެވެ. އަދި މި މަޝްރޫއު ފެށިތާ ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ވެގެން ދިޔައިރު ވެސް ރައްޔިތުންނަށް އޭގެ މަންފާއެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ނަމަވެސް، މި ސަރުކާރުން އެ މައްސަލަތައް ހައްލުކޮށް މިހާރު މަސައްކަތް އައު ފަރާތަކާ ހަވާލުކޮށްފައިވާތީ، ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި މި ޒަމާނީ ވޯޓާ ޕާކުގެ މަސައްކަތް އެއްކޮށް ނިންމައި ރައްޔިތުންނަށް ހުޅުވާލެވޭނެ ކަމަށެވެ.
ރިއެކްޝަންސް





