މަސީޙްގެ ތަޞައްވުރު: ފުވައްމުލަކުގެ ފަތުރުވެރިކަން ފުޅާކޮށް، ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ފުރުޞަތު ފަހިކޮށްދޭނަން!

މަސީޙްގެ ތަޞައްވުރު: ފުވައްމުލަކުގެ ފަތުރުވެރިކަން ފުޅާކޮށް، ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ފުރުޞަތު ފަހިކޮށްދޭނަން!

2 hours ago - 14:49

ފުވައްމުލަކު ސިޓީގެ ފަތުރުވެރިކަން ފުޅާކޮށް، ރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ އިތުރު ފުރުޞަތުތައް ހޯދައިދިނުމަކީ އެންމެ ބޮޑު އެއް އަމާޒު ކަމަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަލީ މަސީޙު ވިދާޅުވެއްޖެއެވެ. 

އަލީ މަސީޙު މިހެން ވިދާޅުވީ ފުވައްމުލައް ސިޓީގެ ތަރައްޤީއަށްޓަކައި ގެންގުޅުއްވާ މުހިންމު ތަޞައްވުރު ހާމަކުރައްވަމުންނެވެ. މިގޮތުން، ރަށުގެ އިޤްތިޞާދު ހަރުދަނާކުރުމަށްޓަކައި ލޯކަލް ޓޫރިޒަމް ދާއިރާ ކުރިއެރުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ. 

މަސީޙު ވިދާޅުވީ، ފުވައްމުލަކު ފަތުރުވެރިކަން މިހާރު ކުރިއަރަމުން ދަނީ އެ ދާއިރާގައި މަސައްކަތްކުރާ އަމިއްލަ ފަރާތްތަކާއި ރައްޔިތުންގެ ބުރަ މަސައްކަތުން ކަމަށެވެ. ނަމަވެސް، ކައުންސިލްގެ ފަރާތުން މި ދާއިރާ ހަރުދަނާކުރުމަށް ކުރެވޭނެ ގިނަ ކަންތައްތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން، އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ ޓޫރިޒަމް މާސްޓަރ ޕްލޭނެއް އެކުލަވާލުން ކަމަށް މަސީޙު ވިދާޅުވިއެވެ.

"މި ޕްލޭންގެ ދަށުން ރަށު ފެންވަރުގައި ފަތުރުވެރިކަން ތަރައްޤީކުރެވޭނެ ގޮތްތައް ހިމަނައި، އިކޯ-ޓޫރިޒަމް ކޮންސެޕްޓެއް ތައްޔާރުކުރެވޭނެ. އަދި ފުވައްމުލަކުގައި ހުރި ވެޓްލޭންޑް ސަރަޙައްދުތަކާއި ކުޅި ފަދަ ތަންތަން، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ތަރައްޤީކުރުމަށް ރައްޔިތުންނާ މަޝްވަރާކުރާނަން،" މަސީޙު ވިދާޅުވިއެވެ.

އަދި ފުވައްމުލަކު އެއާޕޯޓު އިންްވެގެން އޮތް ބިމަކީ ޓޫރިޒަމް ލޭންޑެއްގެ ގޮތުގައި ކަނޑައެޅިފައިވާ ތަނެއްކަމަށާއި، އެތަން 'އިންޓަގްރޭޓެޑް ޓޫރިޒަމް' މޮޑެލްއެއްގެ ދަށުން ތަރައްޤީކުރައްވާނެ ކަމަށް މަސީޙު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ޕީއެންސީގެ ކައުންސިލެއް އިންތިޚާބުވެއްޖެނަމަ، އެ ސަރަޙައްދުން ރައްޔިތުންނަށް ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދީ، ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ފުވައްމުލަކުގެ ޑައިވިންގ ސިނާއަތް މިހާރަށްވުރެ ފުޅާކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަސީޙު ވިދާޅުވީ، އެ ދާއިރާ ރަށު ފެންވަރުގައި އިތުރަށް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށެވެ. މީގެއިތުރުން، ރަށުގެ ޤުދުރަތީ ރީތިކަން ރަމްޒުކޮށްދޭ ކޮނޑަކިޅިއާއި ތޫނޑު ފަދަ ތަންތަން ބައިނަލްއަޤްވާމީ ބާޒާރުގައި އިޝްތިހާރުކުރުމަށްޓަކައި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޚާއްސަ ފެއާތަކެއް އިންތިޒާމުކުރައްވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.                   

"އަޅުގަނޑުގެ އަމާޒަކީ މި ރަށުގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، ރަށުގައި ތިބެގެންވެސް ރައްޔިތުންނަށް އާމްދަނީ ލިބޭނެ އިތުރު ދޮރުތައް ހުޅުވައިދިނުން،" މަސީޙު ވިދާޅުވިއެވެ.


މަސީޙު މި ތަޞައްވުރު ހާމަކުރައްވާފައިވަނީ ފުވައްމުލަކު ސިޓީގެ ތަރައްޤީއަށް އަދުގެ ސަރުކާރާއި ގުޅިގެން މަސައްކަތްކުރާނެ ވަރުގަދަ ކައުންސިލެއް ބޭނުންވެފައިވާ ދަނޑިވަޅެއްގައެވެ. އަދި މި ތަރައްޤީގެ ތަޞައްވުރުގައި ހަޤީޤީ ކުލަޖައްސައިދިނުމަށްޓަކައި، މަސީޙުގެ އިތުރުން ޕީއެންސީގެ ފަރާތުން ފުވައްމުލައް ސިޓީގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އޭނާ ވަނީ މި ފުރުސަތުގައި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. 

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow