ވީއައިއޭގެ އާ ޓާމިނަލްގައި 35 އީ-ގޭޓް ހަރުކޮށް، ފަތުރުވެރިންނަށް ކްލިއަރެންސް ދޭން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގައި ޒަމާނީ 35 "އީ-ގޭޓް" ބަހައްޓައި، ދިވެހިންގެ އިތުރުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ވެސް އޮޓޮމޭޓެޑްކޮށް އިމިގްރޭޝަން ކްލިއަރެންސްގެ ޚިދުމަތް މިއަދު ރަސްމީކޮށް ދޭން ފަށައިފިއެވެ.
މިއީ ދެކުނު އޭޝިއާ ސަރަހައްދުގައި ބޭރު ގައުމުތަކުގެ ދަތުރުވެރިންނަށް މިހާ ފުޅާ ދާއިރާއެއްގައި އޮޓޮމޭޓެޑް ސީމްލެސް އިމިގްރޭޝަން ކްލިއަރެންސް ދޭން ފެށި ފުރަތަމަ ފަހަރެވެ.
ވީއައިއޭގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާނެވެ. މީގެ ކުރިން ހަމައެކަނި އިލެކްޓްރޯނިކް ޕާސްޕޯޓް އޮންނަ ދިވެހިންނަށް ދެމުން އައި މި ޚިދުމަތް ފުޅާކުރުމުގެ ގޮތުން، އާ ޓާމިނަލްގެ އެރައިވަލްގައި 20 އީ-ގޭޓް އަދި ޑިޕާޗާ ސަރަހައްދުގައި 15 އީ-ގޭޓް ވަނީ ހަރުކޮށްފައެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނި ގޮތުގައި، މި ޚިދުމަތް ފެށިގެންދާއިރު ކަނޑައެޅިފައިވާ 46 ގައުމެއްގެ ޕާސްޕޯޓު އޮންނަ މީހުންނަށާއި، މި ނިޒާމުގައި ބައިވެރިވެފައިވާ 31 އެއާލައިނެއްގެ ފަސިންޖަރުންނަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އީ-ގޭޓް ބޭނުންކުރެވޭނެއެވެ.
އަލަށް ތައާރަފުކުރި އީ-ގޭޓްތަކުގައި ބޭނުންކުރަނީ މޫނާއި ލޮލުގެ ކަޅީގެ ސިފަތައް ދެނެގަނެވޭ ފޭޝަލް ރިކޮގްނިޝަން އަދި އައިރިސް ސްކޭން ޓެކްނޮލޮޖީއެވެ. އިލެކްޓްރޯނިކް ޕާސްޕޯޓުގައި ހުންނަ މައުލޫމާތާ ދަތުރުވެރިޔާގެ ބަޔޯމެޓްރިކްސް އަޅާކިޔައި، ކޮންމެ މީހަކަށް ކްލިއަރެންސް ދިނުމަށް ހޭދަވަނީ އެންމެ 6 އާއި 7 ސިކުންތާ ދެމެދުގެ ވަގުތުކޮޅެކެވެ.
މީގެއިތުރުން ޕާސްޕޯޓު ޗިޕުގެ ސައްހަކަން ކަށަވަރުކުރުމަށް "ޕެސިވް އޮތެންޓިކޭޝަން" (ޕީއޭ) އަދި އަސްލު ޗިޕެއްކަން ޔަގީންކުރުމަށް "އެކްޓިވް އޮތެންޓިކޭޝަން" (އޭއޭ) ސަލާމަތީ ފިޔަވަޅުތައް މި ނިޒާމުގައި ހިމެނެއެވެ. މީގެ ސަބަބުން އޮޅުވާލައިގެން އެތެރެވުމާއި އައިޑެންޓިޓީ ފްރޯޑް ހުއްޓުވި، ރާއްޖޭގެ ބޯޑަރު ބެލެހެއްޓުން އިތުރަށް ވަރުގަދަވާނެ ކަމަށް އިމިގްރޭޝަނުން ފާހަގަކުރެއެވެ.
މި ބަދަލާއެކު، ފަތުރުވެރިންގެ ވިސާގައި އަންނަ ބިދޭސީން އިމިގްރޭޝަން ކްލިއަރެންސް ފުރިހަމަކުރުމުން، އޮޓޮމޭޓެޑް "އީ-ވިސާ" އެއް ދޫކުރަން ވެސް ވަނީ ފަށައިފައެވެ. އެގޮތުން "އިމުގާ" ޕޯޓަލް މެދުވެރިކޮށް ޓްރެވެލާ ޑެކްލަރޭޝަން ފުރިހަމަކުރާއިރު ހިމަނާ އީމެއިލަށް ވިސާގެ ތަފްސީލާއި ހުރެވޭނެ މުއްދަތު ވަގުތުން ފޮނުވާނެއެވެ. އަދި ފަތުރުވެރިޔާ ރާއްޖެއިން ފުރުމާއެކު މި ވިސާ އަމިއްލައަށް ކެންސަލްވާނެއެވެ.
އިމިގްރޭޝަނުން ވިދާޅުވީ، ދުވާލަކު އެތައް ހާސް ފަތުރުވެރިންނެއް ޒިޔާރަތްކުރާ ރާއްޖެއަށް މިފަދަ ޒަމާނީ ނިޒާމެއް ތައާރަފުވުމަކީ، އެއާޕޯޓު ބާރުބޮޑުވާ ވަގުތުތަކުގައި ކިއޫތައް ކުޑަވެ ދަތުރުވެރިންނަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
ރިއެކްޝަންސް





