
ބްރޯޑްކޮމް އާއި އެމްއެމްސީން ވެސް މަޖިލިހުގެ ކޮމިޓީގައި މީޑިޔާ ބިލްގެ ކަންބޮޑުވުން ފާޅުކޮށްފި
ބްރޯޑްކޮމް އާއި އެމްއެމްސީން ވެސް މަޖިލިހުގެ ކޮމިޓީގައި މީޑިޔާ ބިލްގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު އަބޫބަކު ހުށަހެޅުއްވި މީޑިޔާ ރެގިއުލޭޓަރި ބިލް ބަލައިގަނެ, މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓިއަށް ވަނީ ފޮނުވާފައެވެ. އެކޮމިޓީން މިއަދު ވަނީ ބިލާމެދު ބްރޯޑްކާސްޓިންގ ކޮމިޝަނާއި މޯލްޑިވްސް މީޑިޔާ ކައުންސިލްގެ ހިޔާލު ހޯދާފައެވެ. ފުރަތަމަ ކޮމިޓީއަށް ހާޟިރުކުރީ މިއަދާ ހަމައަށް އެބިލާމެދު އެއްޗެއް ނުބުނެ އޮތް ބްރޯޑްކާސްޓިންގ ކޮމިޝަނެވެ.
ކޮމިޓީގައި ބްރޯޑްކާސްޓިންގ ކޮމިޝަނުންވެސް ފާޅުކުރެއްވީ ކަންބޮޑުވުމެވެ. ޚާއްޞަކޮށް އެކޮމިޝަނާވެސް އަދި މީޑިޔާގެ މަސްލަހަތުވެރިންނާއި, ނޫސްވެރިންނާ އެއްވެސް މަޝްވަރާއެއް ނުކޮށް ބިލް ހުށަހަޅާ ބަލައިގަތުމުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ބްރޯޑްކޮމްގެ ރައީސް ސަފާ ސަފީގު ވިދާޅުވީ މީޑިޔާ ބިލަކީ ގައުމީ ފެންވަރުގެ ދިރާސާއަކަށްފަހު ހުށަހަޅަން ޖެހޭ ބިލެއް ކަމަށެވެ. އަދި އެބިލް ދިރާސާކުރަން އެކަށީގެންވާ ވަގުތު ދޭންޖެހޭނެ ކަމަށް ވިދާޅުވިއެވެ. ބިލާމެދު ކަންބޮޑުވުން ފާޅުކޮށް މަޖިލިހަށް ތިން ސިޓީއެއް ފޮނުއްވި ކަމަށް ކޮމިޓީގައި ސަފާ ވިދާޅުވިއެވެ.
ކޮމިޓީގައި މޯލްޑިވްސް މީޑިޔާ ކައުންސިލުން ވަނީ ފުރަތަމަ ދުވަހުން ފެށިގެން އެކައުންސިލުން ދަމަހައްޓަމުން އައި ސްޓޭންޑްގައި ހިފަހައްޓާފައެވެ. ކައުންސިލުން އެދުނީ ބިލް ބޭރުކޮށްލުމަށެވެ. ނޫސްވެރިންނާއި ބޭރުގެ ނޫސްވެރިކަމުގެ ޖަމްއިއްޔާތަކުންވެސް ބިލާ ދެކޮޅު ހަދަމުން ދަނިކޮށް ބިލް ބަލައިގަތުމުން ކައުންސިލްގެ ރައީސް ހުސައިން ސަގީފު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
މީޑިޔާ ކައުންސިލުން ފާހަގަކުރެއްވީ ހުށަހަޅާފައިވާ ބިލުން މެމްބަރުން ފާޅުކުރައްވަމުން ގެންދަވާ ކަންބޮޑުވުންތަކަށްވެސް ހައްލު ނުލިބޭ ކަމެވެ. އަދަބުތައް ބޮޑު ކަމާއި, ބިލުގައި ނޫސްވެރިންނަށް ހިމާޔަތް ލިބޭނެ އެއްވެސް މާއްދާއެއް ހިމަނާފައި ނުވުމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ރިއެކްޝަންސް






