
ރައީސް މުއިއްޒު ޗައިނާގެ ރައީސްއާ ބައްދަލުކުރައްވައިފި
ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އެހީވާނެ
ޗައިނާގެ ރައީސްގެ ދައުވަތަކަށް އެގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެގައުމުގެ ރައީސް ޝީ ޖިންޕިންގއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، ޗައިނާގެ ޓިއާންޖިންގައި ހުންނަ ޓިއާންޖިން ޔިންގްބިން ހޮޓެލްގައި، މިއަދު ހެނދުނުއެވެ.
މި ބައްދަލުކުރެއްވުމުގައި ކުރެއްވި މަޝްވަރާތަކުގައި، އިގްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި އިންވެސްޓްމަންޓާއި ސަލާމަތީ ގޮތުން އެއްބާރުލުން ދިނުމާއި، ދެ ޤައުމުގެ ދޭދޭ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކުރުން ހިމެނޭހެން، އެއްބާރުލުން ދެއްވާ މުހިންމު ދާއިރާތަކަށް އަލިއަޅުއްވާލެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މިބައްދަލުކުރެއްވުމުގައި ޗައިނާގެ ރައީސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދިވެހިރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ޗައިނާއިން ވެވަޑައިގެންފައިވާ ވަޢުދު ތަކުރާރުކުރެއްވިއެވެ. ނަތީޖާއަށް ބިނާކުރައްވައި ގުޅުންތައް އިތުރަށް ކުރިއަށް ގެންދެވުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އަދި "ކޮމްޕްރިހޭންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕަރޓްނަރޝިޕް (2024 -2028)" ގެ ދަށުން، ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން، މަތީ ހަރުފަތަކަށް ގެންދެވުމަށްވެސް ދެ ޤައުމުގެ ލީޑަރުން އެއްބަސްވެވަޑައިގެންނެވިކަން ރައީސް އޮފީހުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ޗައިނާގެ ރައީސް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް މަރުހަބާ ވިދާޅުވެ، ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ މެދުގައި ޒަމާނުއްސުރެ އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގައި މިދަތުރުފުޅުގެ މުހިންމުކަމުގެމައްޗަށް ޗައިނާގެ ރައީސް އަލިއަޅުއްވާލެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްމީ ދަތުރުފުޅެއްގައި ދެވަނަ ފަހަރަށް ޗައިނާއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި އުފާވެރިކަން ހިއްސާކުރައްވައި، ޗައިނާގެ ރައީސްއަށް ޝުކުރު ދެންނެވިއެވެ. އަދި ވިދާޅުވި ހޫނު މަރްޙަބާއާއި، ދެއްވި ދައުވަތާއި، ދީލަތި މެހެމާންދާރީއަށްޓަކައި ވެސް ރައީސް ޝީ ޖިންޕިންގއަށް ޝުކުރު އަދާކުރުރެއްވިއެވެ.
ދެޤައުމުގެ މެދުގައި އޮތް ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާ ކުރައްވައި، ދެފަރާތުން ހިއްސާކުރާ، މަސްލަހަތު ހިމެނޭ ކަންކަމާއެކު ކުރިއަށްވަޑައިގަންނަވާނެކަން ދެގައުމުން ކަށަވަރުކޮށްދެއްވިކަމަށްވެ.ސް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރިއެކްޝަންސް






