
މުޖުތަމައުގެ ބަލަދުވެރިންނަކީ ފުލުހުން- ކޮމިޝަނަރ ނަވީން
މުޖުތަމައުގެ ބަލަދުވެރިންނަކީ ފުލުހުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ މިހެން ވިދާޅުވީ ފުލުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމަށް ދ. ވާނީގައި ރޭ ބެއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ކޮމިޝަނަރ ވިދާޅުވީ ދިވެހި ފުލުހުންނަކީ ހަމައެކަނި ފުލުހުން ނޫންކަމަށެވެ. މަސައްކަތުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ޕްރޮފެޝަނަލްކަމާއި ހަމަހަމަކަމާއި އިންސާނީ ހައްގުތަކަށް އިހުތިރާމުކޮށް ރައްޔިތުން އިތުބާރުކުރާ ބަޔަކަށް ކޮންމެ ފުލުހަކު ވެސް ވުމަކީ މުޖުތަމައުގެ ބަލަދުވެރިންގެ ސިފައެއް ކަމަށް ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމާއެކު އިސްކަންދޭންވާނީ އަބަދުވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ކަމަށެވެ. އަދި ގަޑިއަށް ފަރުވާތެރިވުމާއި ހެދުން އެޅުމުގައި ގެންގުޅޭ ރީތި ސިފަތަކަކީ ދިވެހި ފުލުހުންގެ ސިފަ ދައްކުވައިދޭ ރީތި ސިފައެއް ކަމުގައި ވިދާޅުވިއެވެ.
ކޮމިޝަނަރ ނަވީން ވިދާޅުވީ ދިވެހި ފުލުހުންގެ ޔުނީފޯމަކީ ފެންނަން ހުންނަ ހަމައެކަނި ބޭރުފުށުގެ ސިފައެއް ނޫންކަމަށާއި އެއީ މަސްއޫލިއްޔަތާއި ޒިންމާއާއި އިތުބާރާއެކު ކޮނޑުގައި އެޅިފައިވާ ވާޖިބެއްގެ ނިޝާން ކަމަށެވެ. އެ ނިޝާން އަބަދުވެސް ފުލުހުންގެ ހަނދާނުގައި ބަހައްޓާންވާނެ ކަމަށާއި އެ ނިޝާނަށް އިހުލާސްތެރިވާންވާނެ ކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
ރިއެކްޝަންސް






