ހަމާސް އާއި އިޒްރާއިލާ ދެމެދު މިހާރު ކުރިއަށްދާ ސުލްޙައިގެ ވާހަކަތަކުން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެވިދާނެބާ!
ބްލިންކެން ހުންނަވާ ހޮޓާކައިރީ އަޑު އުފުލަނީ: ފޮޓޯ-އޭޕީ

ހަމާސް އާއި އިޒްރާއިލާ ދެމެދު މިހާރު ކުރިއަށްދާ ސުލްޙައިގެ ވާހަކަތަކުން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެވިދާނެބާ!

މިއީ އަސީރުން މިނިވަންކުރުމުގެ ފަހު ފުރުޞަތަށް ވެދާނެކަމަށް އެމެރިކާއިން ދެކޭ.

28 days ago - 08:44
Aug 20, 2024 - 08:45

ގަތަރުގެ ވެރިރަށް ދޯހާގައި ހުކުރު ދުވަހުން ފެށިގެން ދެ ދުވަހަށް ކުރިއަށްދިޔަ އިޒްރާއިލް އާއި ހަމާސްގެ ހަމަލާތައް ހުއްޓާލުމާބެހޭ މަޝްވަރާތަކުގައި "ދެފަރާތް ގުޅުވައިދޭ އެބަސްވުމަކަށް" އާދެވިފައިވާ ކަމަށް މަޝްވަރާތަކުގެ މެދުވެރިއެއްގެ ރޯލު އަދާކުރަމުންދާ ފަރާތުން ބުނެފިއެވެ. 

މީގެ ކުރިންވެސް ބޭއްވި މަޝްވަރާތަކުގައި ހަމަލާތައް ހުއްޓާލުމާ ގުޅޭގޮތުން ގާތްގަނޑަކަށް އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ފެބުރުވަރީ މަހު ވިދާޅުވިއެވެ. ނަމަވެސް މާޗް މަސް ނިމިގެންދިޔައިރުވެސް މަޝްވަރާތަކަށް އަލިމަގެއް ނުފެނި, މޭމަހު އިޒްރާއިލް އިން ރަފަޙް އަށް އަރާ ހިންގި ޤަތުލްޢާންމު ތަކާއެކު ހަމަލާތައް ހުއްޓާލުމުގެ ވާހަކަތައް އޮތީ މަޑުޖެހިފައެވެ. އޭރުވެސް އެމެރިކާއިން ބުނަމުން ދިޔައީ މިއީ މިކަން ކުރުމަށް ލިބޭނެ ފަހު ފުރުޞަތަށް ވެދާނެ ކަމުގައެވެ.

ހަމަލާތައް ހުއްޓާލުމާ ބެހޭ މަޝްވަރާތައް ކުރިއަށްދާ މިދަނޑިވަޅުގައި އެމެރިކާގެ ސެކްރެޓެރީ އޮފް ސްޓޭޓް, އެންތަނީ ބްލިންކެން ވަނީ ހޯމަދުވަހު އިޒްރާއިލްއަށް ވަޑައިގެންފައެވެ. އަދި މިއީ އަސީރުން މިނިވަންކުރުމަށާއި ހަމަލާތައް ވަގުތީގޮތުން ހުއްޓާލުމަށް އޮތް ފަހު ފުރުޞަތަށް ވެދާނެކަމަށް އަނެއްކާވެސް ވަނީ ވިދާޅުވެފައެވެ.

ބެލެވޭގޮތުން މިހާރު ކުރިއަށްދާ މަޝްވަރާތައް ބުދަ ނުވަތަ ބުރާސްފަތި ދުވަހު މިޞްރުގެ ވެރިރަށް ޤާޙިރާގައި ނިންމާލާނެއެވެ.  ނަމަވެސް ހަމާސް އިން ސީދާކޮށް މަޝްވަރާތަކުގައި ބައިވެރިއެއްނުވެއެވެ. ހަމާސްއިން މަޝްވަރާކުރަމުން ދަނީ ޤަތަރު އަދި މިޞްރުގެ މެދުވެރިން ލައްވައެވެ.

 

ކުއްލި އަދި އަވަސް މަޝްވަރާތަކެއް! ސަބަބަކީ ކޮބާ!

2023 ގައި ހަމާލާތައް ފެށިފަހުން މިއީ ބްލިންކެން އިޒްރާއިލް އަށް ޒިޔާރަތްކުރާ ނުވަވަނަ ފަހަރެވެ. ކޮންމެފަހަރަކުވެސް އެނބުރި ވަޑައިގަންނަވަނީ ހުސްއަތާއެވެ. މީގެ 10 މަސްކުރިން ފެށި ހަމަލާތައް ހުއްޓާލުމަށް ކުރެވުނު މަޝްވަރާތަކަށް އެދެވޭ ނަތީޖާއެއް ނުފެނި ދިގުލައިގެން ގޮސްފައިވާއިރު ހިޒްބުالله ގެ އިސް ކޮމާންޑަރަކާއި, ހަމާސްގެ ސިޔާސީގޮފީގެ ވެރިޔާ އިސްމާއިލް ޙައްނިއްޔާ ވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ގާތްގާތުގައި ޝަހީދުކޮށްލާފައެވެ. 

އެމެރިކާއިން ކުއްލިއަކަށް މަޝްވަރާތަކުން ނަތީޖާއެއް ނެރުމަށް އަމާޒު ހިފާފައިވާއިރު, އެމެރިކާގެ ރިޔާސީ އިންތިހާބު ވަނީ ބޯމަތިވެފައެވެ. ނޮވެމްބަރ މަހު ބާއްވާ މި އިންތިހާބުގެ ކުރިން ހަމަލާތައް ހުއްޓާނުލެވިއްޖެ ނަމަ, އީރާން އާއި ހިޒްބުالله ގެ ބާރު މެދުއިރުމަތީގައި ގަދަވެ, ޣައްޒާގައި ހިނގާ ހަނގުރާމައަކަށްވުރެ ބޮޑަށް މެދުއިރުމަތީގެ ހަގުރާމައަކަށް މަޞްރަޙް ބަދަލުވުމަކީ މިވަގުތު އެމެރިކާގެ އިންތިހާބަށް އޮތް ގޮންޖެހުމެކެވެ. 

ފާއިތުވެދިޔަ މަހު ހަމާސް އާއި އިޒްރާއިލް އިން ވަނީ, މޭމަހު ބައިޑެން ހުށަހެޅުއްވި ގޮތަށް ތިން ބަޔަކަށް ބަހާލެވިގެން ހަމަލާތައް ހުއްޓާލުމާގުޅޭ ހުށަހެޅުމަކަށް އާނބަސް ބުނާނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ.

ހަމާސްއިން ބުނި ގޮތުގައި ފަހުގެ ހުށަހެޅުން އޮތީ އިޒްރާއިލް އިން ޣައްޒާ-މިސްރު ގުޅޭ ސަރަޙައްދީ ރޮނގުންނާއި ނެޓްޒަރިމް ކޮރިޑޯއިން (ޣައްޒާގެ އިރުން އުތުރަށް ޣައްޒާގެ އުތުރާއި ދެކުނު ވަކިކޮށް އިޒްރާއިލް ސިފައިންގެ ބޭނުމަށް ޤާއިމްކޮށްފައިވާ މަގު) އާބަދީގޮތުން ފައިބަން އެއްބަސްވާގޮތަށް ކަމަށްވާތީވެ, ހަމަލާތައް ހުއްޓާލުމުގެ ވާހަކަތަކަށް ކުރިއަށްވުރެ ހަމާސްގެ ޝައުގުވެރިކަން ބޮޑެވެ.

 

މަޝްވަރާގެ މޭޒުގައި ހުރީ ކޮންކަމެއް, އަދި ހަމަލާތައް ހުއްޓާލުމާ ގުޅޭގޮތުން އެއްބަސް ވުމަކަށް އާދެވިދާނެ ކަމާމެދު ސުވާލު އުފެދެނީ ކީއްވެ!

މި ޕްލޭންގެ ފުރަތަމަ ބައިގައި ހިމެނެނީ ހަ ހަފުތާއަށް ދެފަރާތުން ހަމަލާތައް ހުއްޓާލުމަށެވެ. މި މުއްދަތުގައި ކަނޑައެޅޭ މަދު އަދަދެއްގެ އިޒްރާއިލްގެ އަސީރުންނާއި ބަދަލުގައި އިޒްރާއިލްގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުންނާ މިނިވަންކުރަން ޖެހޭނެއެވެ. 

ނޮވެމްބަރު މަހު ހަފުތާއަކަށް މެދުކަނޑާލި ހަމަލާތައް މުއްދަތު ހަމަވުމާއިއެކު އަލުން ފެށި ނަމަވެސް, މަޝްވަރާތަށް ކުރިއަށްދާގޮތުން ހަމަލާތައް ހުއްޓާލުމަށް ކަނޑައެޅޭ މުއްދަތު, މުއްދަތެއް ނެތްގޮތަށް ދިގުދަންމާލުމަށް ވެސް އެއްބަސް ވެވިދާނެއެވެ. 

މިހާރު ކުރިއަށްދާ ސުލްހައިގެ ވާހަކަތަކުގެ ފުރަތަމަ ބުރަށްފަހު, އާދިއްތަ ދުވަހުގެ ރޭ ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނީ ދެފަރާތް ގުޅުވާލަދޭކަމަށް ބުނާ ހުށަހެޅުން އޮތީ މާބޮޑަށް އިޒްރާއިލް ކޮޅަށް ބުރަވެފައިކަމަށާއި, އެހެންކަމުން މިހާރު އޮތްގޮތަށް އެއްބަސްވުމަކަށް އާދެވުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއް ކަމަށެވެ.

 

ހުރަސްއަޅާ ޕޮއިންޓްތަކަކީ ކޮބާ!

ކިތަންމެ ސަބަބެއް ހުރިނަމަވެސް, އެންމެ މުހިއްމުކަމަކީ ހަމަލާތައް ހުއްޓާލަން ހަމާސްއިން އެއްބަސްވެދާނެ ކަމަށް ބެލެވުނު ނަމަވެސް އިޒްރާއިލްއިން ދޭ ހަމަލާތައް ހުއްޓާލާނެ ކަމުގެ ޔަޤީންކަން ނެތުމެވެ.

އެއީ ހަމަލާތައް ފެށިގެން މިހާތަނަށް އައިއިރު އަސީރުން ބަދަލުކުރުމާ ގުޅޭގޮތުން އިޒްރާއިލްގެ ބޯހަރުކަން ދެއްކުމާއެކު އެކަން ވެގެން ގޮސްފައިވަނީ ކުރިންވެސް މިމަރުހަލާގެ އެންމެ އުނދަގޫކަން ކަމަށް ވުމެވެ. ހަމާސްއިން ހުށަހަޅާފައި ނަންތަކުގެ ތެރޭގައި ހިމެނޭ ހަމާސްގެ އިސް ލީޑަރެއްކަމުގައިވާ މަރްވާން ބާޤޫޓީ އަދި އެނޫންވެސް އިޒްރާއިލާ ދެކޮޅަށް އަނިޔާވެރި އަމަލު ހިންގާފައިވާކަމަށް ކަނޑައަޅާފައިވާ ހަމާސްގެ މެމްބަރުން ދޫކޮށްލަށް އިޒްރާއިލް އިން ދަނީ ދެކޮޅު ހަދަމުންނެވެ.

ހަމާސްއިން ބުނެފައިވާ ގޮތުގައި އަސީރުންގެ ތެރެއިން ގިނަ މީހުން މިހާރު ވީތަނެއް ހުދު އެމީހުންނަކަށްވެސް ނޭނގެއެވެ. 

އަނެއް މައިގަނޑު މައްސަލައަކީ އިޒްރާއިލް ސިފައިން ފައިބާނެ ގޮތަކާއި ތަނެވެ. ޣައްޒާއާއި މިޞްރު ގުޅޭ ބޯޑަރުން އިޒްރާއިލްގެ ސިފައި ބޭލުމަކީ އިޒްރާއިލް އެއްގޮތަކަށްވެސް ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ނަމަވެސް ހަމާސްއާއި މިޞްރަށް އެއީ ރަތްރޮނގެކެވެ.

 

ޕާޓީތަކުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވަނީ ކޮންބައެއް!

އިޒްރާއިލްގެ ވަފުދުގައި ހިމެނެނީ މޮސާޑް އަދި ޝިން ބެޓްގެ (މައި އިންޓެލިޖެންސް އެޖެންސީ)ގެ ވެރިޔާ އަދި އަސީރުންގެ ފަރާތުން އިޒްރާއިލް ސިފައިންގެ މޭޖާއެކެވެ.

ނަތަންޔާހޫގެ އަރިސް ބޭފުޅެއްކަމަށްވާ އޯފިރް ފާކްވެސް ބައެއް މަޝްވަރާތަކުގައި އޭނާގެ ފަރާތުން ބައިވެރިވެއެވެ. ކުރީ ފަހަރުތަކުގައި ފާކް ބައްދަލުވުންތަކުގައި ބައިވެރިކުރަން މަޝްވަރާތަކުގެ ބައެއް ބައިވެރިން ދެކޮޅު ހަދާފައި ވެއެވެ. ހަމަލާތައް ހުއްޓާލުމާބެހޭ އެއްބަސްވުން ތަކުގެ އަމިއްލަ ފައިދާ ނަގަން މަސައްކަތްކުރާކަމަށް ތުހުމަތުކޮށް އިޒްރާއިލްގެ        އެތެރެއިންނާއި އެހެނިހެން ފަރާތްކުންވެސް ވަނީ ނަތަންޔާހޫ އަށް ފާޑު ކިޔާފައެވެ.

ހަމާސްގެ ފަރާތުން ބައިވެރިވަނީ ގަތަރުގައި ހުންނަވާ ހަމާސްގެ ނުރަސްމީ ޚާރިޖީ ވަޒީރެވެ. އޭނާ އަކީ އަވަހާރަކޮށްލާފައިވާ ހަމާސްގެ ސިޔާސީ ބިއުރޯގެ ވެރިޔާ ޙަނިއްޔާގެ އަރިސް ބޭފުޅެއްވެސް މެއެވެ. ޙަނިއްޔާގެ ބަދަލުގައި އެމަޤާމަށް އައްޔަނުކޮށްފައިވާ ޔަޙްޔާ ސިންވާރުގެ މާބޮޑު ދައުރެއް މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި އޮތްކަމަކަށް ނުބެލެވެއެވެ. 

މަޝްވަރާތަކުގެ މެދުވެރިއެއްގެ ރޯލު އަދާކުރަނީ އެމެރިކާ އާއި ޤަތަރު އަދި މިޞްރުންނެވެ. އެމެރިކާގެ ސީ.އައި.އޭގެ ޑިރެކްޓަރ އާއި ޤަތަރުގެ ބޮޑުވަޒީރާއި ޙާރިޖީ ވަޒީރުގެ އިތުރުން މިޞްރުގެ އިންޓެލިޖެންސް ވެރިޔާ އަދި ރައީސް ޙާއްސަ މުޝީރު ބައިވެރިވެ ވަޑައިގަންނަވައެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow