ނިމިދިޔަ އަހަރު އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ، ސާފު ފައިދާ 42 މިލިއަނަށް
ފާއިތުވި 2025 ވަނަ އަހަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބި، ސާފު ފައިދާގެ ގޮތުގައި ގާތްގަނޑަކަށް 42 މިލިއަން ރުފިޔާ ލިބިފައިވާކަން އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
އާންމުންގެ ހިއްސާ އޮންނަ މި ކުންފުނީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާގޮތުން، އެ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ޖުމްލަ 724.45 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ތިންވަނަ ކުއާޓަރުގައި ލިބުނު 501.20 މިލިއަން ރުފިޔާއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ. މީގެއިތުރުން ހިންގުމުގެ ފައިދާގެ ގޮތުގައި ފަހު ކުއާޓަރުގައި 101.06 މިލިއަން ރުފިޔާ ލިބިފައިވާއިރު، ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާއަކީ 29.26 މިލިއަން ރުފިޔާއެވެ.
މާލީ ރިޕޯޓުގައިވާ ގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި ފަހު ކުއާޓަރުގައި 69.04 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި މި ކުއާޓަރުގައި ހިއްސާއަކަށް ޖެހުނު މިންވަރު ވަނީ 1.66 ރުފިޔާއިން 7.82 ރުފިޔާއަށް އިތުރުވެފައެވެ.
އަހަރުގެ ފުރަތަމަ ކުއާޓަރަށްފަހު، ޖެހިގެންއައި ތިން ކުއާޓާގައި ކުންފުނީގެ ހަރަދުތައް ކުޑަކުރުމާއެކު އާމްދަނީ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ކުންފުނީގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އެގޮތުން ދެވަނަ ކުއާޓާގައި 27.9 މިލިއަން ރުފިޔާ، ތިންވަނަ ކުއާޓާގައި 13.3 މިލިއަން ރުފިޔާ އަދި ފަހު ކުއާޓާގައި 62.8 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދިއެވެ. މި ތިން ކުއާޓާގައި ލިބުނު ފައިދާއިން ފުރަތަމަ ކުއާޓާގެ ގެއްލުން އުނިކުރުމުން މުޅި އަހަރުގެ ސާފު ފައިދާގެ ގޮތުގައި 42.03 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ވިޔަފާރީގެ ފައިދާގެ ޓެކުހުގެ ގޮތުގައި އެ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފައިސާއަށް ބަލާއިރު، ދެވަނަ ކުއާޓާގައި 4.9 މިލިއަން ރުފިޔާ، ތިންވަނަ ކުއާޓާގައި 2.3 މިލިއަން ރުފިޔާ އަދި ފަހު ކުއާޓާގައި 6.2 މިލިއަން ރުފިޔާއާއެކު ޖުމްލަ 14 މިލިއަނެއްހާ ރުފިޔާ ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ކަމަށް މާލީ ހިސާބުތަކުން ދައްކައެވެ.
ރިއެކްޝަންސް

