ތިލަމާލެ ބްރިޖުން މާލެއާއި ވިލިމާލެ އެއްކޮށް ގުޅާލައިފި: އަންނަ އަހަރުގެ ޑިސެމްބަރުގައި ހުޅުވޭނެ ކަމަށް ލަފާކުރެވޭ
ތިލަމާލެ ބްރިޖު މަޝްރޫޢުގެ ދަށުން މާލެއާއި ވިލިމާލެ ގުޅުވައިދޭ އެންމެ ފަހުގެ ސެގްމަންޓް ގުޅުވާލުމުގެ މަސައްކަތް މިއަދު ކާމިޔާބުކަމާއެކު ނިންމާލައި، ދެ ރަށް އެއްގަމު މަގުން ގުޅާލައިފިއެވެ.
މި ކުރިއެރުމާއެކު މާލެއާއި ވިލިމާލެއާ ދެމެދުގެ "ސުޕަ ސްޓްރަކްޗާ" މަސައްކަތް މިއަދު މިވަނީ އެއްކޮށް ނިމުމަކަށް އައިސްފައެވެ. ނަމަވެސް ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމުމަށްޓަކައި އަދިވެސް މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް މި މަޝްރޫޢުގެ ކޮންޓްރެކްޓަރު، އިންޑިއާގެ އެފްކޮންސް ކުންފުނިން ވަނީ ހާމަކޮށްފައެވެ.
މާލެ ސަރަޙައްދުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި އެއްގަމު މަގުން ގުޅާލެވޭނެއެވެ. މި ރަށްތައް ހުރަސްކުރުމަށްޓަކައި ހައިވޭތަކެއް ހަދަމުންދާއިރު، އެ މަސައްކަތްތައްވެސް ބާރަށް ކުރިއަށްދާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ (ބިނާރާ ބެހޭ ވުޒާރާ) އިން ވިދާޅުވި ގޮތުގައި ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި މިހާރު ކުރިއަށްދަނީ ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. ކަނޑު ހުރަސްކޮށް އަޅާ ބުރިޖާއި ކޯޒުވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިނުގައި ޖުމްލަ 6.7 ކިލޯމީޓަރު ހުންނާނެއެވެ.
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ތިލަމާލެ ބުރިޖު) އަކީ ޖުމްލަ 500 މިލިޔަން ޑޮލަރު (ގާތްގަނޑަކަށް 7.7 ބިލިޔަން ދިވެހި ރުފިޔާ) ޚަރަދުވާ މަޝްރޫޢެކެވެ. މިއީ އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދެއްވާފައިވާ 100 މިލިޔަން ޑޮލަރާއި، 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ފެސިލިޓީގެ އިތުރުން ދިވެހި ސަރުކާރުގެ ބަޖެޓުންވެސް ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ރިއެކްޝަންސް





