
އެސްޓީއޯއިން ހުޅުމާލޭގައި އިމާރާތްކުރަމުން އައި ހޮޓާ 20 މިލިއަން ޑޮލަރަށް އަގުކޮށް, އެޗްޑީސީއަށް
އެސްޓީއޯ އަށް ހުޅުމާލެ ފޭސް ދޭން ބިމެއް
އެސްޓީއޯއިން ހުޅުމާލޭގައި އިމާރާތްކުރަމުން އައި ހޮޓާ 20 މިލިއަން ޑޮލަރަށް އަގުކޮށް, އެޗްޑީސީއަށް ދީފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑިސީ) އާއެކު މިކަމުގެ އެއްބަސްވުމުގައި މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ސޮއި ކޮށްފައިވާ ކަމަށް އެސްޓީއޯއިން މިއަދު ވިދާޅުވިއެވެ. އެސްޓީއޯއިން ވިދާޅުވީ މި މުއާމަލާތާ ގުޅިގެން ކުންފުނީގެ މާލީ ހިސާބުތަކަށް އައިސްފައިވާ ބަދަލުތަކުގެ ތަފްސީލް އެކުންފުނީގެ މިއަހަރުގެ މާލީ ބަޔާންތަކުގައި ތަފްސީލްގައި ހިމެނޭނެ ކަމަށެވެ.
އެސްޓީއޯއިން ހުޅުމާލޭގައި ތަރައްޤީ ކުރަމުން އައި ހޮޓަލުގެ ބަދަލުގައި ހުޅުމާލެއިން އެހެން ބިމެއް އެސްޓީއޯ އަށް ލިބޭކަން އެކުންފުނިން އިއުލާނުކުރީ މިއަހަރުގެ މެއި މަހުއެވެ. އެސްޓީއޯއިން މިނިންމުން ނިންމާފައިވަނީ ސިޓީ ހޮޓަލުގެ މަސައްކަތް ހުއްޓި ކުރިއަށްނުގޮސް ހުރުމުން ހިއްސާދާރުންނާއި, ބޯޑް ޑިރެކްޓަރުންގެ ކަންބޮޑުވުން ބޮޑުވެފައި ވަނިކޮށެވެ.
އެސްޓީއޯ އިން ސިޓީ ހޮޓަލުގެ މަސައްކަތް ފެށީ 2011 ވަނަ އަހަރުއެވެ. އެކަމަކު އެތަން އަދިވެސް ނުނިމެއެވެ. ސިޓީ ހޮޓާ ހިންގަން މިހާރު ވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ. އެޗްޑީސީން އެތަން ހިންގަން ހަވާލުކުރި ކުންފުންޏަކީ އެކަމަށް އުފެއްދި ކުންފުންޏެކެވެ.
ސަރުކާރުން މީޑިޔާތަކަށް ޚާއްޞަކޮށް ދޫކުރާ ޖާގަ ހިމެނެނީވެސް އެތަނުގައެވެ. އެތަނުން ސަރުކާރުގެ ބޭނުމަށް ވަނީ ބައެއް ކަނޑައަޅާފައެވެ. ހޮޓާ ތަރައްޤީ ކުރަނީ ފަސް ތަރީގެ ހޮޓަލެއްގެ ގޮތުގައެވެ. އެތަނުގައި 158 ކޮޓަރި ހިމެނޭނެކަން ކުރިން ވަނީ އިއުލާނުކޮށްފައެވެ.
ރިއެކްޝަންސް






