ބިދޭސީންގެ ފީއާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި 565 މިލިއަން ރުފިޔާ!
ބިދޭސީންނާ ގުޅޭ އެކި ފީތަކާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި އަދިވެސް 565 މިލިއަން ރުފިޔާ އެބައޮތް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެ ވުޒާރާއިން މިކަން ހާމަކުރީ ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އެ ވުޒާރާއިން ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރަމުންނެވެ.
ދާޚިލީ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ސަރުކާރުން ވެރިކަމާ ޙަވާލުވި 17 ނޮވެންބަރު 2023 އާ ހަމައަށް ބިދޭސީންނާ ގުޅޭ ފީއާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުދައްކައި 1.7 ބިލިއަން ރުފިޔާ އޮތެވެ. ނަމަވެސް، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ ހޯދުމަށް ކުރެވުނު ހަރުދަނާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ގިނަ ޢަދަދެއްގެ ފައިސާ އަނބުރާ ހޯދައި، ނުލިބި އޮތް ޢަދަދު މިހާރު ވަނީ 565 މިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ.
މި ފައިސާ ހޯދުމަށްޓަކައި ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ފައިސާ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ޢާންމުކޮށް އިޢުލާނުކުރުމާއި، އެކްސްޕެޓް ސިސްޓަމުން އެފަދަ ފަރާތްތައް ސަސްޕެންޑްކޮށް، އައު ހުއްދަ ދޫކުރުން މެދުކަނޑާލުން ހިމެނެއެވެ. މީގެއިތުރުން ފައިސާ ދެއްކުމަށް ލުއިގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން 10 އޮކްޓޫބަރު 2024 ގައި ތަޢާރަފުކުރި ސެޓްލްމަންޓް ޕްލޭނާ އެއްގޮތަށް ޢަމަލުނުކުރި ފަރާތްތަކަށް ދިން ލުއިތައް ވެސް ވަނީ މެދުކަނޑާލާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ފިޔަވަޅު އަޅައި، 31 އޮގަސްޓް 2026 ގެ ނިޔަލަށް 13,987 ފަރާތެއް ވަނީ ސިސްޓަމުން ސަސްޕެންޑްކޮށްފައެވެ.
އަނެއްކޮޅުން، ޤަވާޢިދަށް ޙުރުމަތްތެރިކޮށް ހިތާ އަދި ޝަރުޠު ހަމަވާ ވަޒީފާދޭ ފަރާތްތަކަށް ލުއިފަސޭހަ ޚިދުމަތްތަކެއް ދިނުމަށް ވެސް އެ ވުޒާރާއިން ވަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން "ސިސްޓަމް ޓްރަސްޓެޑް އެމްޕްލޯޔާސް" ނަމުގައި އައު ނިޒާމެއް ޤާއިމުކޮށް، އޮގަސްޓު މަހުގެ ފަހު ހަފުތާގައި ވަނީ ޚިދުމަތް ދޭން ފަށާފައެވެ. މި ނިޒާމުގެ ސަބަބުން ބިދޭސީން ގެނައުމުގެ ހުއްދަތައް އޮޓޮމޭޓެޑްކޮށް، ކުރިއަށްވުރެ މާ އަވަހަށް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ. ޤަވާޢިދަށް އިޙްތިރާމްކުރާ ވަޒީފާދޭ ފަރާތްތަކަށް ޚާއްޞަ މި ލިސްޓުގައި މިހާތަނަށް 4,585 ފަރާތެއް ހިމަނާފައިވާ ކަމަށް ވެސް ދާޚިލީ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
ރިއެކްޝަންސް





