ކުޑަކުދިން އެދޭ ފަދަ މުސްތަގުބަލެއް ބިނާކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
ކުޑަކުދިން އެދޭ ފަދަ އުޖާލާ މުސްތަގުބަލެއް ބިނާކޮށްދިނުމަށްޓަކައި ބޭނުންވާ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން ދެއްވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން، މީސްމީޑިއާ މަންސަ "އެކްސް" ގައި މިއަދު ހިއްސާކުރެއްވި މެސެޖެއްގައެވެ. މިއަހަރުގެ ބައިނަލްއަޤުވާމީ ކުޑަކުދިންގެ ދުވަހުގެ ޝިއާރަކީ "މައި ޑޭ، މައި ރައިޓްސް، މައި ފިއުޗަރ" (މަގޭ ދުވަސް، މަގޭ ހައްގު، މަގޭ މުސްތަގުބަލު) އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، އެ ކުދިންގެ ދިރިއުޅުމާ ގުޅުންހުރި ކަންކަމުގައި ނިންމާ ނިންމުންތަކުގައި އެ ކުދިންގެ އަޑު އެއްސެވުމަށް ސަރުކާރުން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި އެކި ބާވަތުގެ އަނިޔާތަކުން ކުދިން ސަލާމަތްކޮށް ރައްކާތެރިކަން އިތުރުކުރުމަށާއި، އޯގާތެރި އާއިލީ ވެއްޓެއްގެ ތެރޭގައި ކުދިން ބަލައިބޮޑުކުރުމުގެ ފުރުސަތުތައް ފުޅާކުރުމަށްޓަކައި ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، ސިއްހީ ދާއިރާއާއި، އެންމެން ޝާމިލުކުރާ ތައުލީމީ ސިޔާސަތުތަކުގެ އިތުރުން، ތެރަޕީގެ ޚިދުމަތްތަކާއި، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު އަދި ކުދިން އަލުން އަނބުރާ މުޖުތަމައަށް ރުޖޫއަކުރުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރަންޖެހޭ ކަމަށެވެ. އަދި ކުޑަކުދިންގެ ތަރައްގީގެ ކޮންމެ މަރުހަލާއަކަށް ބޭނުންވާ އެންމެހައި ކަންކަން ފަހިކޮށްދިނުމުގައި ދިވެހިރާއްޖެއިން އިސްނަގައިގެން މުހިންމު ސިޔާސަތުތަކެއް އެކަށައަޅައި، އެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި އެވެ.
ރިއެކްޝަންސް





