ކެންސަރު ބަލީގެ ދުވަހު ރައީސް: ދުންފަތާ ދުރުވޭ!
ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ކަމަށް
ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހު ދުންފަތާ ދުރުވުމަށް އަޒުމް ކަނޑައަޅަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ. މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ކަމެވެ. އެހެންކަމުން ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގައި ދުންފަތުގެ ނުބައި އާދައިން ދުރުވުމަށް ޢަޒުމް ކަނޑައަޅަން އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން ދެއްވި ޚާއްޞަ މެސެޖްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އުފާވެތި، ދުޅަހެޔޮ، އަދި ވިލުންތެރި ޤައުމެއް ބިނާކުރުމަށް ކެންސަރު ބައްޔާ ދެކޮޅަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
މިއަހަރު ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ޔުނައިޓަޑް ބައި ޔުނީކް" ނުވަތަ "އެފަދަ ދެވަނައެއްނެތް އެއްބައިވަންތަކަން" އެވެ. ޝިޢާރަށް އިޝާރާތް ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބަލި ތަހައްމަލު ކުރާ ކޮންމެ މީހަކީވެސް ތަފާތު ދަތުރެއް ކުރާ މީހެއް ކަމަށެވެ. އެހެން ނަމަވެސް ޝިޢާރުގައި ބުނެދޭ ފަދައިން އަޅުގަނޑުމެން ތިބީ އެއްބައިވަންތަ ކަމާއިއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
2030 ވަނަ އަހަރުގެ ނިޔަލަށް ޢާންމު ޞިއްޙަތުގެ ކަންބޮޑުވުމެއްގެ ގޮތުގައި ސަރވިކަލް ކެންސަރު ނުވަތަ ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ބަލި ނައްތާލުމުގެ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ އަމާޒަށް ވާޞިލުވުމަށް ރާއްޖެއިން ދަނީ، ކަނޑައެޅިފައި އޮތް ރާސްތާއިން މަސައްކަތް ކުރައްވަމުންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކެންސަރު ބަލީގެ ޚާއްޞަ މަރުކަޒެއް ޤާއިމުކޮށް، ޕެލިއޭޓިވް ކެއަރ ނުވަތަ ހައްސާސް ބަލިތައް ހުންނަ މީހުންގެ އަލާމާތްތައް ދެނެގަނެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދޭ ޚިދުމަތްތައް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާކޮށް، ޚިދުމަތް ހޯދޭނެ މަގުތައް އިތުރު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައިވެސް ވިދާޅުވިއެވެ.
މިހާރު ޕްރައިމަރީ ހެލްތު ކެއާގެ ޚިދުމަތް މެދުވެރިކޮށް، ރަށު ފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި، ފަސް ބާވަތެއްގެ ކެންސަރު ބައްޔަށް ސްކްރީން ކުރެވޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ކެންސަރު ބަލީގެ ޚާއްޞަ ތަހުލީލުތައް ކުރެވޭ ނުވަތަ، ސްޕެޝަލައިޒްޑް ސްކްރީނިންގް މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ވިދާޅުވިއެވެ. އެ ކަމުގެ ސަބަބުން ކެންސަރާ ދެކޮޅަށް ހިންގާ ޕްރޮގްރާމްތައް ހިންގުމަށް އިތުރު އެހީތެރިކަމެއް ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ ތަންތަން ރަށުފެންވަރުގެ އާބާދީތަކަށް ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކެއްގެ ގޮތުގައި ތަރައްޤީ ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ކެންސަރު ބަލި ޖެހުމަށް މަގުފަހިކުރުވާ ކަންކަމާ ދެކޮޅަށް ޤައުމި ފެންވަރުގައި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އިލެކްޓްރޯނިކް ސިނގިރޭޓް މަނާކުރުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމުގެ ޤާނޫނާއި ސިޔާސަތުތައް ހަރުދަނާކޮށް، ދުންފަތުގެ ވަބާއިން ސަލާމަތްވުމަށް ބޭނުންވާ ޞިއްޙީ ފަރުވާގެ ޚިދުމަތްތައް އެއްވެސް އަގަކާ ނުލައި ފޯރުކޮށްދެވެމުން ދާކަން ފާހަގަކުރެއްވިއެވެ. އެއީ ކެންސަރުގެ ނުރައްކަލަށް ހުށަހެޅިދާނެ ޢަމަލުތަކުން ރައްޔިތުން ރައްކާތެރިކުރުމަށް، ސަރުކާރުން ސާބިތުކަމާއެކު ދެމި އޮތްކަން ހާމަކޮށްދޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރިއެކްޝަންސް