ގަތަރު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށަނީ
މެދުއިރުމަތީގެ މަސްރަހަށް އައި ބަދަލުތަކާ ގުޅިގެން ވަގުތީގޮތުން މެދުކަނޑާލާފައި އޮތް ގަތަރު އެއާވޭސްގެ ދަތުރުތައް މާދަމާ އިން ފެށިގެން އަލުން ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.
އިނަ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގަތަރު އެއާލައިންގެ ދަތުރުތައް އަލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ، 9 އެޕްރީލް ވާ އަންގާރަ ދުވަހު ކަމަށެވެ. އެގޮތުން، މި ސިލްސިލާގެ ފުރަތަމަ ފްލައިޓް ކަމަށްވާ QR672 ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމަށް ތާވަލުކުރެވިފައި ވަނީ މާދަމާ ހެނދުނު 08:15 ގައެވެ.
މެދުއިރުމަތީގެ މަސްރަހުގައި އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ގަތަރު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް މެދުކަނޑާލާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.
މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި، މިއީ ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކާއެކު ދަތުރުފަތުރުގެ ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތަކަށްފަހު، ރާއްޖެއާއި މެދުއިރުމައްޗާ ދެމެދު އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުން އަލުން ބަދަހިވެގެންދާނެ މުހިންމު ފިޔަވަޅެކެވެ. އަދި ގަތަރު އެއާވޭސް ފަދަ ދުނިޔޭގެ ފެންވަރުގެ ބޮޑު އެއާލައިނެއްގެ ދަތުރުތައް އަލުން ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ދިރުމެއް ލިބި، އެ ސިނާއަތް އޭގެ ފުރިހަމަ ބާރުމިނުގައި ހިނގައިގަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ފިރާގު ވިދާޅުވިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ގަތަރު އެއާވޭސްއަކީ މުހިންމު ދައުރެއް އަދާކުރާ އެއާލައިނަކަށް ވާއިރު، މި ދަތުރުތައް އަލުން ފެށުމާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޝަންސް





