ކައްކާ ގޭހުގެ އާ ޝިޕްމަންޓެއް ރާއްޖެއަށް ގެނެސްފި
ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އާ ޝިޕްމަންޓެއް އިއްޔެ ރާއްޖެއަށް ގެނެސްފައިވާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކޮށްފިއެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި، މި ޝިޕްމަންޓަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގެނެވުނު ޝިޕްމަންޓެކެވެ. މި ޝިޕްމަންޓް ރާއްޖެއަށް ލިބޭނެ ކަމުގެ ޔަގީންކަން، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު ވެސް ވަނީ ދެއްވާފައެވެ.
އެސްޓީއޯ އިން އިތުރަށް ބުނީ، ރައްޔިތުންނަށް ބޭނުންވާ އެއްވެސް އަސާސީ ޚިދުމަތެއް ހުއްޓުމަކަށް ނައިސް ލިބޭނެ އިންތިޒާމްތައް އެ ކުންފުނިން ދަނީ ހަމަޖައްސަމުން ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ޚާއްސަ އިސްކަމެއް ދީގެން، ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަން އެ ކުންފުނިން ފާހަގަކުރެއެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކަށް ސަރުކާރުން އަންނަނީ ވަރަށް ބޮޑަށް ސަމާލުކަން ދެމުންނެވެ. މިގޮތުން، ރާއްޖެއަށް ބޭނުންވާ ތެލާއި، ކައްކާ ގޭހުގެ އިތުރުން އަސާސީ ކާބޯތަކެތި އެއްވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ހަމަޖައްސަމުންނެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، އަސާސީ ކާބޯތަކެތި މާކެޓުން ލިބެން ހުންނާނެކަން ޔަގީންކުރުމުގެ އިތުރުން، އެ ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ވެސް ކަމާބެހޭ އިދާރާތަކުން ދަނީ މޮނިޓަރ ކުރަމުންނެވެ. މީގެ ބޭނުމަކީ ބޭރުގެ މަޝްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އުފުލަންޖެހޭ ތަކުލީފުތައް ކުޑަކުރުމެވެ.
ރިއެކްޝަންސް





